ނިއުޔޯކާއި މިއާމީގައި ރިއަލް އެސްޓޭޓްގެ ވިޔަފާރިކުރާ މަޝްހޫރު ތިންބޭން ކަމަށްވާ ޓެލް، އޯރެން އަދި އެލޯން އެލެކްޒެންޑަރުގެ މައްޗަށް ޖިންސީ ވަގުފާރިކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ހިމެނޭހެން 10 ދައުވާއެއް ސާބިތުވެއްޖެއެވެ.

ނިއުޔޯކާއި މިއާމީގެ އަގުބޮޑު ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއިން ބޮޑު މަޝްހޫރުކަމެއް ހޯދި އުމުރުން 39 އަހަރުގެ ޓެލް އެލެކްޒެންޑަރާއި، 38 އަހަރުގެ އޯރެން އެލެކްޒެންޑަރާއި، އެމީހުންގެ އަނެއް ކޮއްކޮ 38 އަހަރުގެ އެލޯންގެ މައްޗަށް، ޖިންސީ ވަގުފާރިކުރުމުގެ ކުށް ސާބިތުވާކަމަށް އެމެރިކާގެ ނިއުޔޯކްގެ ޖޫރީއަކުން ވަނީ ކަނޑައަޅާފައެވެ.

ޕްރޮސެކިއުޓަރުން ބުނެފައިވަނީ، މި ތިންބޭން އެމީހުންގެ މުއްސަނދިކަމާއި ނުފޫޒު ބޭނުންކޮށްގެން އަންހެނުން ޕާޓީތަކަށާއި އަގުބޮޑު ގެތަކަށް ގެންގޮސް، އެމީހުންގެ ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ ދިފާއީ ވަކީލުން ވަކާލާތު ކުރީ އެ އަންހެނުން އެކަންކަމުގައި ބައިވެރިވީ އެމީހުންގެ އަމިއްލަ ރުހުމާއެކު ކަމަށެވެ.

މި މައްސަލައިގައި އެމީހުންގެ މައްޗަށް އުފުލުނު ޖިނާއީ 10 ދައުވާވެސް ވަނީ ސާބިތުވެފައެވެ. މީގެ ތެރޭގައި ޖިންސީ ވަގުފާރިކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ސީރިއަސް ކުށްތައް ހިމެނެއެވެ.

މި މައްސަލައިގައި ހުކުމް ކުރުން އަންނަ އޮގަސްޓް މަހުގެ 6 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ކުށް ސާބިތުވެއްޖެނަމަ އެ ތިންބެއިންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.

މައްސަލައިގެ ނިމުމުގެ ބަޔާން އިއްވަވަމުން އެސިސްޓެންޓް ޔޫ.އެސް އެޓާނީ އެންޑްރޫ ޖޯންސް ވިދާޅުވީ، އެމީހުން މި ކުށްތައް ކުރީ އެއްވެސް ދެރަވުމެއް ނެތި، ނުހަނު ރަހުމުކުޑަ ގޮތަކަށް ކަމަށާއި، އެމީހުން އެކަމާ މެދު ފަޚުރުވެރިވާ ކަމަށެވެ.

ދިފާއީ ވަކީލުން ވަނީ އެމީހުންނަކީ އަންހެނުންގެ ފަހަތުން އުޅޭ ބައެއް ނަމަވެސް، އެއީ ރޭޕް ކުރާ ބައެއް ނޫން ކަމަށް ބުނެ ވަކާލާތުކޮށްފައެވެ.

އޮރެން އެލެގްޒެންޑަރގެ ވަކީލު ވިދާޅުވިގޮތުގައި އެމީހުން އަންހެނުންނާ ގާތް ގުޅުން ބާއްވަން މަސައްކަތް ކުރި ނަމަވެސް، މަސްތުވާތަކެތި ދީގެން ރޭޕްކޮށްފައެއް ނުވެއެވެ.

ފަސް ހަފުތާއަށް ދެމިގެންދިޔަ މި ޝަރީއަތުގައި 11 އަންހެނަކު ވަނީ އެ ތިންބެއިންނާއި ދެކޮޅަށް ހެކިބަސް ދީފައެވެ. އޭގެ ތެރޭގައި އެ ހާދިސާތައް ހިނގިއިރު ކުޑަކުދިންގެ ގޮތުގައި ތިބި އަންހެނުން ވެސް ހިމެނެއެވެ. އެމީހުން ހެކިބަސް ދެމުން ބުނި ގޮތުގައި، އޭގެ ތެރެއިން ދެބެން އެކި ކަހަލަ ހަދިޔާތައް ދީ، އެކި ތަންތަނަށް ދަތުރުތައް ގެންގޮސް، ޕާޓީތަކުގައި ސިއްރިއްޔާތުގައި މަސްތުވާތަކެތި ދިނުމަށްފަހު ވަނީ ޖިންސީ ގޯނާކޮށްފައެވެ. ޕްރޮސެކިއުޓަރުން ޖޫރީންނަށް ކިޔައިދިން ގޮތުގައި، އެ ދެބެން ވަނީ ސިއްރިއްޔާތުގައި އަންހެނުންގެ ބުއިންތަކަށް މަސްތުވާތަކެތި އަޅާފައެވެ. އަދި ޖިންސީ ގޯނާ ކުރިއިރު، އަނިޔާ ލިބުނު މީހުން ހަޅޭއްލަވައި، އެކަން ހުއްޓާލުމަށް އާދޭސް ކުރަމުން ދިޔަ ނަމަވެސް، އެމީހުން ބާރުގެ ބޭނުންކޮށްގެން އެ އަމަލުތައް ހިންގާފައިވާ ކަމަށް ޕްރޮސެކިއުޓަރުން ބުނެފައިވެއެވެެ.



މި ތިންބޭންނަކީ މީގެ ކުރިން ދުނިޔޭގެ މަޝްހޫރު ތަރިންނަށް ގެދޮރު ގަނެވިއްކުމުގެ ޚިދުމަތް ދީފައިވާ، ދާއިރާގައި ނަން ހިނގާ ބައެކެވެ.



ކިޔުންތެރިންގެ ހިޔާލު