މިއަހަރުގެ ފިޠުރު ޢީދުގެ އުފާ ފާޅުކުރުމަށްޓަކައި، ޢާއިލާތަކާއި ރަޙުމަތްތެރިން ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "ޢީދު ހަވީރު 1447" ޤައުމީ ފެންވަރުގައި ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން މިއަހަރުގެ ޢީދު ހަވީރު ކުރިއަށްދާނީ ޢީދު ދުވަހުން ފެށިގެން ޖެހިޖެހިގެން ތިން ދުވަހުގެ މުއްދަތަށެވެ.

އެމްއެންޑީއެފްއިން ލަރެސްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 އެސްއޯއީއަކުން ބައިވެރިވާނެއެވެ. މި ހަރަކާތްތައް ކޮންމެ ދުވަހަކުވެސް ކުރިއަށްދާނީ ހަވީރު 16:00 އިން 18:00 އަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައެވެ.

އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި، މިދިޔަ އަހަރުގެ ޢީދު ހަވީރަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުޙީބަށް ބަލައި، މިއަހަރުގެ ހަރަކާތްތައް ވަނީ އިތުރަށް ފުޅާކޮށްފައެވެ. މާލޭގައި މި ހަރަކާތްތައް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ފާލަމާ ހަމައަށެވެ. ހުޅުމާލޭގައި ސެންޓްރަލް ޕާކާއި ފޭސް 2 ގެ ހިޔާ ޕާކް ސަރަޙައްދުގައި ހަރަކާތްތައް އޮންނައިރު، ވިލިމާލޭގައި މި ހަރަކާތްތައް ކުރިއަށްދާނީ ފުޓްބޯޅަ ދަނޑުގައެވެ. މީގެ އިތުރުން ޢީދު ދުވަހު ސަލްޓަން ޕާކުވެސް އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި ހަވީރުގައި ތަފާތު ކުޅިވަރުތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ޢީދު ހަދިޔާ ދިނުންވެސް އޮންނާނެއެވެ. ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުގައި ކުޑަކުދިން ގަޔާވާނެ ތަފާތު ތީމްތަކަށް ގޭމްތައް ކުރިއަށްދާނެއެވެ.

މި ހަރަކާތުގެ ތެރެއިން އެމްއެންޑީއެފްގެ ޚާއްޞަ ހަރަކާތްތަކެއްވެސް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ ހަތިޔާރާއި، އެއްގަމާއި ކަނޑުގެ އުޅަނދުތައް ދައްކާލުން ހިމެނެއެވެ. އަދި މި ތަކެއްޗާއެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު