މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ހަގީގީ އަސަރު ރާއްޖެއަށް ކުރާނީ ހައެއްކަ މަސްދުވަސް ފަހުން ކަމަށާއި، މިއީ ރާއްޖެއާ ދުރުގައި ހިނގާ ހަނގުރާމައެއް ކަމަށް ދެކިގެން ނުވާނެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ މެންބަރު ހުސައިން އަމްރު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، ހަނގުރާމަ ހިނގަމުންދަނީ ރާއްޖެއާ ދުރުގައި ކަމަށްވީ ނަމަވެސް، މުޅި ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ. އަދި ހަނގުރާމަ އިތުރަށް ވަރުގަދަވަމުންދާއިރު، ރާއްޖެ ކަހަލަ ކުޑަ އިގްތިސާދަކަށް މިއީ "އަޅުގަނޑުމެންގެ ކަނޑުއޮޅީގައި ކުރާ ހަނގުރާމައެއް" ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އަމްރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ކުޑަކޮށް ދަށްވި ނަމަވެސް، މީގެ ދެ ދުވަސް ކުރިން ތެޔޮ ފީފާއެއްގެ އަގު ވަނީ 120 ޑޮލަރަށް އުފުލިފައި ކަމަށެވެ. ރާއްޖެއަކީ ތެލަށް ބަރޯސާވާ ގައުމަކަށްވާއިރު، ތެލުގެ އަގު ބޮޑުވުމުން ރާއްޖެއިން ބޭރުވާ ޑޮލަރުގެ މިންވަރު އިތުރުވެ، ގައުމުގެ ރިޒާވަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް އަމްރު ވިދާޅުވެފައިވެއެވެ.

"މިސާލަކަށް ހަނގުރާމައިގެ ކުރިން ސަރުކާރުން މި ބުނަނީ ދެ މަސްދުވަހުގެ ރިޒާވް އެބަހުއްޓޭ. އެކަމަކު ކުއްލިއަކަށް ތެލުގެ އަގު ދެގުނަ ބޮޑުވުމީ، އޭގެ މާނައަކީ ދެ މަސް ދުވަހުގެ ރިޒާވް އެ ބަދަލުވީ ވަގުތުން އެއް މަހަށް." އަމްރު ވިދާޅުވިއެވެ.

ތެލުގެ އަގު އުފުލުމުން ކަރަންޓު އުފެއްދުމަށާއި، މަސްވެރިކަމަށާއި، ދަތުރުފަތުރަށް ކުރާ ހަރަދު ބޮޑުވެ، އޭގެ ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ އާންމު އަގުތައް އުފުލިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖެއަށް ވަންނަ ޑޮލަރުގެ 80 އިންސައްތަ ހިއްސާކުރާ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް މިކަމުގެ އަސަރު ކުރަމުންދާކަން އަމްރު ފާހަގަކުރެއްވިއެވެ.

އަމްރު ވިދާޅުވި ގޮތުގައި، ރާއްޖެއަށް އެތެރެކުރާ ތެލަށް ފައިސާ ދައްކަނީ ހަ މަސް ފަހުން ކަމަށްވާތީ، މިހާރު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ތައްޔާރުވާން ސަރުކާރަށް ހަ މަސްދުވަހުގެ ފުރުސަތެއް އެބައޮތެވެ. ނަމަވެސް، ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުން ފިޔަވަޅު އަޅަމުންދާއިރު، ރާއްޖޭގެ ސަރުކާރުން އެފަދަ ތައްޔާރީތަކެއްވާ ތަން ނުފެންނާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އަމްރު ވަނީ މި ހާލަތާ ގުޅިގެން ސަރުކާރުގެ ޕްލޭނަކީ ކޮބައިކަން ސާފުކޮށް ރައްޔިތުންނަށް ކިޔައިދިނުމަށާއި، ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލްކޮށް، އިގްތިސާދީ ގޮންޖެހުންތަކުން ސަލާމަތްވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު