ކައިވެނި ރޫޅުމަކީ ގުޅުމެއްގެ ނިމުމެވެ. އަދި އެ ގުޅުމާ ގުޅިފައިވާ އެންމެހައި ހުވަފެންތަކެއްގެވެސް ނިމުމެވެ. ވަރިވުމުގެ މަރުހަލާގައި ކޮންމެވެސް އެކަކު ދޫކޮށްލާފައިދާއިރު، އަނެކަކު ހުންނަނީ ބާކީވެފައެވެ. ކައިވެނި ނިމުމަކަށް އައުމަކީ، އަމިއްލައަށް އެދިގެން ކުރި ކަމަކަށް ވީނަމަވެސް، އިންތިހާ ދަރަޖައިގެ ހިތާމައާއި މާޔޫސްކަމެއް ކުރިމަތިވެދާނެ ކަމެކެވެ.

ކައިވެނި ނިމިއްޖެކަން ޔަގީންވާ ހިނދު، ހާސްކަމާއި ބިރުވެރިކަން އިހުސާސްވުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް މާހިރުން ބަޔާންކުރާ ގޮތުގައި، ދިރިހުއްޓާ ބައިވެރިޔަކު ވަކިވެގެންދިއުމަކީ ބައެއް ފަހަރު މަރުގެ ސަބަބުން ވަކިވުމަށްވުރެވެސް ހިތްދަތި ކަމަކަށް ވެދާނެއެވެ. އެއީ ވަރިވުމުގައި އަނެކަކު ގަސްދުގައި ވަކިވާން ނިންމާތީއެވެ.

އޮކްލަހޯމާ ސްޓޭޓް ޔުނިވާސިޓީގެ ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ރޫޅުމަށްފަހު މީހަކު ހިތާމައިގެ އެކި މަރުހަލާތައް ކަޑައްތުކުރެއެވެ. ނަފްސާނީ ގޮތުން އެންމެ ބޮޑަށް އަސަރުކުރަނީ ވަކިވާ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައެވެ. ނަމަވެސް، މި ހިތާމައިން އަރައިގަތުމަށް ދެ އަހަރު ދުވަސްވެސް ނަގައިފާނެއެވެ. މި މަރުހަލާތަކަކީ ކޮންމެ މީހަކަށްވެސް ތަފާތު ތަރުތީބަކުން ކުރިމަތިވެދާނެ ކަންކަމެވެ.

ކައިވެނި ރޫޅުނު ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، އަލުން ފައިމައްޗަށް ތެދުވާނެ މަގެއް ހޯދަން ޖެހެއެވެ. ނަފްސާނީ ގޮތުން ދުޅަހެޔޮވުމަކީ ވަގުތު ނަގާނެ ކަމެކެވެ. އެހެންކަމުން، ވަރިވުމަށްފަހު ތިމާ އަމިއްލަ ފައިމައްޗަށް ތެދުވަން ކުރާ މަސައްކަތުގެ ތެރޭގައި ތިރިގައި މިދަންނަވާ ކަންތައްތަކަށް ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ.

ވިސްނުން ބަދަލުކުރުން

ކައިވެނި ރޫޅުމުން ބައެއް މީހުންނަށް އަމިއްލަ ނަފްސާ މެދު ސުވާލު އުފެދި، މަގު އޮޅޭ ގޮތްވެއެވެ. އެހެންކަމުން، ވަރިވުމަށްފަހު ކަންކަމާ މެދު ދެކޭ ގޮތް ބަދަލުކުރަން ޖެހެއެވެ. އުފަލަކީ، މިއަދުގެ މުޖުތަމައުގައި ވަރިވުމަކީ ކުރީގައި އޮތް ފަދަ އިޖުތިމާއީ ހުތުރު ނަމެއް ނޫން ކަމެވެ. ހަނދާން ބަހައްޓަންވީ ކަމަކީ، ކައިވެނި ރޫޅުނަސް ތިބާގެ ދިރިއުޅުމަކީ ބޭކާރު ނުވަތަ އަގެއް ނެތް އެއްޗެއް ނޫން ކަމެވެ. މި ދަނޑިވަޅުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކޮށް، އާ ކަންކަން ތަޖުރިބާކޮށް، އާ ފެށުމަކުން ދިރިއުޅުން ފަށާށެވެ.

ނާކާމިޔާބީން އިބުރަތް ހާސިލުކުރުން

ރިވުމަކީ ހިތްދަތި އަދި ކަރުނުން ފުރިގެންވާ ތަޖުރިބާއެކެވެ. މީގެ ސަބަބުން ދަރިންނާއެކު ހޭދަކުރާ ވަގުތާއި، ގާތް ރަހުމަތްތެރިން ނުވަތަ ބުރަ މަސައްކަތުން ބިނާކުރި ވަޒީފާވެސް ގެއްލިދާނެއެވެ. މިފަދަ ހާލަތްތަކުގައި ކުރީގެ ބައިވެރިޔާގެ ބޮލުގައި ހުރިހާ އިލްތިމާސެއް އެޅުވުމަކީ އިންސާނީ ތަބީއަތެވެ. ނަމަވެސް، އެކަމުގެ ސަބަބުން ތިބާއަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެއެވެ.

ވީމާ، ކައިވެނި ރޫޅެން ދިމާވި ސަބަބުތަކާއި، އެކަމުގައި ތިބާގެ ދައުރަކީ ކޮބައިތޯ ފުންކޮށް ވިސްނާލުން މުހިންމެވެ. މިއީ އަނިޔާލިބޭ މީހެއްގެ ގޮތުގައި ހުރުމުގެ ބަދަލުގައި، ކުރިއަށް އޮތް ތަނުގައި އެފަދަ ގޯސްތަކެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. ތިމާގެ ކިބައިގައި ހުރި އުނިކަންކަން އިސްލާހުކޮށް، ދިރިއުޅުން ރަނގަޅުކުރުމަށް މަސައްކަތް ކުރާށެވެ. ބޮޑާކަން ދޫކޮށްލާފައި އަމިއްލަ އަމަލުތަކުގެ ޒިންމާ ނެގުމަކީ، ދެން ފަށާ ގުޅުމެއް އުފާވެރިކޮށް ކުރިއަށް ގެންދިއުމަށް ލިބޭނެ ބާރެކެވެ.

އަމިއްލަ ނަފްސަށް އިތުބާރުކުރުން

ދިރިއުޅުން އަލުން ބިނާކުރާއިރު، އަމިއްލަ ނަފްސަށް މާޔޫސްކަން ނުދީ، ކުރެވުނު ރަނގަޅު ކަންކަމުގެ އަގު ވަޒަންކުރާށެވެ. ވަރިވުމަށްފަހު ތިބާ ހޯދާފައިވާ ކޮންމެ ކުރިއެރުމަކަށް އަމިއްލައަށް ފަހުރުވެރިވާށެވެ. އެކަނިވެރިވުމުން ކުރިމަތިވާ އާ ގޮންޖެހުންތަކާ ކުރިމަތިލައި، ކުރިން ބައިވެރިޔާ ކުރި ކަންކަން އަމިއްލައަށް ކުރަން ދަސްކުރުމަކީ ތިބާގެ ހިތްވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ. ކޮންމެ ކުޑަ ކާމިޔާބީއެއްވެސް ފާހަގަކުރާށެވެ.

ނިއުމަތްތަކަށް ޝުކުރުވެރިވުން

ކައިވެނި ރޫޅުމަށްފަހު އަލުން ތެދުވުމަށް އޮތް އެންމެ މުހިންމު މަގަކީ ތިބާއަށް ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވުމެވެ. ގެއްލުނު ކަންކަމާ މެދު ހިތާމަކުރުމުގެ ބަދަލުގައި، މިހާރު ތިބާގެ ކައިރީގައި ތިބި މީހުންނާއި، ލިބިފައިވާ ވަސީލަތްތަކަށް ޝުކުރުކުރާށެވެ. ކުރީގެ ހިތްދަތި ހަނދާންތައް އާވާ ހިނދު، އެ ގުޅުން ނިންމާލަން ޖެހުނު ސަބަބުތައް ހަނދާންކުރާށެވެ. އޭރު ތިބާއަށް ކުރެވުނު އެކަނިވެރިކަމާއި، ލިބުނު އަނިޔާތަކާ މިހާރުގެ މިނިވަންކަން އަޅާކިޔާށެވެ. މިއަދު ތިބާއީ މާ ބާރުގަދަ އަދި މާ ބުއްދިވެރި މީހެކެވެ.

އުފާވެރި ކަންކަމަށް ވަގުތު ހުސްކުރުން

ވަރިވުމަށްފަހު ހުސްވަގުތު ގިނަވާނެއެވެ. އެ ހުރިހާ ވަގުތެއް ހަމައެކަނި މަސައްކަތުގައި ހޭދަނުކޮށް، އަމިއްލަ ނަފްސަށް އުފާވެރިކަން ލިބޭ ކަންކަމަށް ވަގުތު ހޯދާށެވެ. ގަސް އިންދުމާއި، ކުރެހުމާއި، ނަމާދުކޮށް އަޅުކަންކުރުމަކީ ނަފްސާނީ ބުރަ ކުޑަކޮށްދޭނެ ކަންކަމެވެ. މީގެ އިތުރުން ރަހުމަތްތެރިންނާ ބައްދަލުކުރުމާއި، އާ ހުނަރުތައް ދަސްކުރުމަކީވެސް ދިރިއުޅުމަށް އާ ރޯޝނީއެއް ގެނުވާނެ ކަންކަމެވެ.

ކައިވެނި ރޫޅުމަކީ އެއް ދަތުރު ނިމި، އާ ދަތުރެއްގެ ފެށުމެވެ. ބިރުގަތުމާއި ހާސްވުމަކީ ތަބީއީ ކަމެކެވެ. އަމިއްލަ ނަފްސަށް ވަގުތު ދޭށެވެ. ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް، ތިބާގެ ދިރިއުޅުން އަލުން އުޖާލާވެ، އާ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރާށެވެ؛ ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު