އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީއަކީ އޮސްޓްރޭލިއާގެ ރައްޔިތެއްކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އިއްޔެ ހަވީރު ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ ޑެނިއަލް ޑީ ޖިއޮވީން ނަމަކަށް ކިޔާ އޮސްޓްރޭލިއާ މީހެކެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި ޑެނިއަލްއަކީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ.

މި ހާދިސާ ހިނގި ދުވަހު އޭނާ ފެނިފައިވަނީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި ހަބަރެއް ނެތި އޮއްވައެވެ. އޭނާ ވަގުތުން ހިތަދޫގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު