މިހާރު ހުށަހުށައަޅާފައިވާ ގޮތަށް ރިފަރެންޑަމް ވޯޓު ނުވަތަ ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ، ރައްޔިތުން އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް މުސްތަޤްބަލުގައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިފަރެންޑަމް ވޯޓަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ކުރިއަށްގެންދާ ކަމެއް ކަމަށެވެ. އަދި މި ވޯޓުގައި ރައްޔިތުންނާ ކުރާ ސުވާލު ބައްޓަންކޮށްފައިވާ ގޮތް ގާނޫނުއަސާސީއާ ހިލާފުކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެ އަލުން އަނބުރާ ހުދުމުހުތާރު ވެރިކަމަކަށް ދިޔަ ނުދިނުމަށްޓަކައި، ދައުލަތުގެ އިސް މަގާމުތަކާއި ރައްޔިތުން އިންތިޚާބުކުރާ މަގާމުތަކަކީ ވަކި މުއްދަތެއް (ފިކްސްޑް ޓާމް) ކަނޑައެޅިފައިވާ މަގާމުތަކެއްކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަން ޝަމްހީދު ހަނދާންކޮށްދެއްވިއެވެ. ނަމަވެސް، މި ގެންނަން އުޅޭ ބަދަލާއެކު އެ އަސާސް ގެއްލިގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަގީގަތުގައި 4 އެޕްރީލްގެ މި ނަގާ ވޯޓުގައި މި ކަނޑައަޅަނީ، މީގެފަހުން ދިވެހިރާއްޖޭގައި އިންތިޚާބުވާ މަޤާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަޤާމުތަކެއް ނޫނޭ. އެއީ ހަގީގަތުގައި މި ކަނޑައަޅޭ ގޮތަކީ،" ޝަމްހީދު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި އިސްލާހުގެ އާޚިރު ނަތީޖާއަކީ ހިނގަހިނގާ އޮންނަ ދައުރުތައް ކުރުކުރުން ނުވަތަ ބަދަލުކުރުން ކަމަށެވެ.

މީގެ އިތުރުން ޑރ. ޝަމްހީދު ވިދާޅުވީ، މިގޮތަށް ވޯޓު ނެގޭ ކަމަށްވާނަމަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން ދެން އޮންނަ ރިޔާސީ އިންތިޚާބެއް އޮންނާނީ 2033 ވަނަ އަހަރުގައި ކަމަށް ލިޔެވޭނެ ކަމަށާއި، އެގޮތަށް ވެސް ފާސް ކުރުމުގެ ބިރު އެބައޮތް ކަމަށެވެ.

"އަޅުގަނޑަކަށް ހިއެއްނުވޭ ދިވެހިރާއްޖޭގައި ގާނޫނުއަސާސީ އަދި އެއްވެސް ބަޔަކު އެ ދުވަހު ހިތަށް ވެސް އެރުވި މަންޒަރެއް ކަމަށް ދިވެހިރާއްޖޭގައި ފެންނަ ނުފެންނަ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ ހޮވިފައި ހުރި ރައީސުލްޖުމްހޫރިއްޔާ އޭގެ ދައުރު ދެން މި ދާނެކަން. އަދި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވެސް އެގޮތަށް ދެން މި ދާނެ ކަމެއް. އެހެންވީމާ، މުޅި އެތި މި އޮތީ އޮޅުވައިލާފަ." ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީން ބުނަމުންދަނީ މި ދަނޑިވަޅުގައި އެންމެ މުހިންމީ ދެ އިންތިޚާބު އެއްކުރާ ވޯޓު ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރުން ކަމަށެވެ. އަދި އެމަސައްކަތް ކުރަމުންދާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު