ޞާދިރު ޢަލީދީދީ   10 އޮކްޓޯބަރު 2020 - 14:24
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 23

...............

[ދެކުދިން ކޮންކަހަލަ ކަމަކުތަ؟] ދޮރު ލައްޕާލަމުން ކަރީމްބެ އެއްސެވެ. އަސްމާއާއި ފިރާޝާއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ހީވާގޮތުން ކަމުގެ ބާވަތުން އެމީހުން ފަސްޖެހެނީއެވެ.

[އަސްމާ ބުނެބަލަ....] ފިރާޝާ އަސްމާގެ ގައިގައި ކޮއްޓާލިއެވެ. އަސްމާ ވެގެން އުޅޭގޮތާއި، އެމީހުން އައި ބޭނުން ރަނގަޅަށް ކަރީމްބެއަށް ކިޔައިދިނެވެ.

ކަރީމްބެ ވަގުތުން ފާލުބަލާފޮތް ހުޅުވާލިއެވެ. ފިރާޝާގެ ހިތް އަވަސްވެއްޖެއެވެ.

ވަސީމް އޭނާގެ އުފަން ރަށުން އެނބުރި އައީ އެދުވަހުއެވެ. ގެޔަށް ވަންއިރުވެސް އޭނާ ހުރީ ނިކަން މާޔޫސްވެފައެވެ. ގާތް ރަޙްމަތްތެރިޔަކު އޭނާގެ ދަޢުވަތަކަށް ކުރި ދަތުރަކު، މިދުނިޔެ ދޫކުރުމުން އޭނާއަށް ވަނީ އިންތިހާއަށް އަސަރު ކޮށްފައެވެ.

[ބައްޕާ....ޢަލިމަނިކުބެ މަރުވީދޯ؟] ސުދާ ވަސީމް ފެނުމާއެކު، ބައްޕަގެ ހިތާމައިގައި ބައިވެރިވެއްޖެއެވެ.

[އާނ...ދަރިފުޅާ...ބައްޕަ ވަރަށް ދެރަވެއްޖެ. ޢަލިމަނިކުގެ މަރަކީ ޤުދްރަތީ މަރެއް ނޫން. ބަޔަކު ނޫނީ މީހަކު އޭނާ މަރާލީ....] ވަސީމް ކަރުއެލުވައިގެން ހުރެ ވާހަކަ ދެއްކިއެވެ.

[ރަށުގައިވެސް ރަޙުމް ކުޑަ އަނިޔާވެރިން އުޅެނީތާދޯ؟ ހެޔޮނުވާނެއެއްނު...ދެން އެހެން ހަދާކަށް.] ސުދާ އަމިއްލަ ނަފްސަށް ކުދިކިޔާލިއެވެ.

[އާނ....ރަށް މަތިން މިހާރު ބައްޕަވެސް ފޫހިވެއްޖެ. ގެގަނޑުގެ ދަހިވެތި ކަމުގައިވެސް އެވަރުވާކަށް ނުވާނެއެއްނު.] ވަސީމް ގޮނޑިއެއްގައި އިށީނެވެ. އެވަގުތު މުޢާޒުވެސް އައިސް ގެޔަށް ވަދެއްޖެއެވެ.

[އަނހަ!؟ ބައްޕަ ކޮންއިރަކު އައީ؟] ގެޔަށް ވަންނަމުން މުޢާޒު ބަފާބެއާ މުޚާޠަބު ކުރިއެވެ.

[ޢަލިމަނިކުބޭގެ މަރު އެއީ ބަޔަކު ކުރި ކަމެއްދޯ ބައްޕާ؟] މުޢާޒު ވަސީމް އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

[އާނ...އެކަމަކު ޢަލިމަނިކުގެ ހަށިގަނޑަކުން ސިފައިންނަކަށްވެސް މީހެއްގެ އަތުގެ ނިޝާނެއްވެސް ނުފެނުނު....ބައްޕަޔާއެކު ބައްޕަގެ ދަތުރެއްގައި ގޮސް އެކަހަލަ ކަމެއް ދިމާވީމާ ބައްޕަ ވަރަށް ބޮޑަށް ދެރަވެ މާޔޫސްވެއްޖެ.] ވަސީމް އޭނާގެ ލޮލަށް ވެރިވި ކަރުނައިގެ ތެތްކަން ފޮހެލައިފިއެވެ.

[ސުދާވެސް އެދުވަހު އެކަމާ ނިކަން ދެރަވެގެން އުޅުނު.] މުޢާޒު ސުދާއާ ދިމާއަށް ބަލައިލިއެވެ. ޙަފީޒާގެ އަތުގައި ހިފައިގެން ޒަކީ އައިސް ހުއްޓުނީ އެވަގުތުއެވެ. ޢަލިމަނިކުގެ އަނިޔާވެރި މަރުގެ ޚަބަރު އަހާފައި ޒަކީވެސް ހުރީ ވަރަށް ދެރަވެފައެވެ.

[އެއްވެސް ބަޔަކަށް އެމީހަކު ނުހޯދުނުދޯ؟ ވަސީމަށްވެސް ޝައްކުވާ މީހަކުވެސް ނެތްތަ؟] ޒަކީ ވަސީމާ ދާދި ގާތަށް ހުއްޓެމުން ވާހަކަ ދެއްކިއެވެ.

[އަހަންނަށް ހަމަ ޝައްކުވަނީ، އަހަރެންގެ ގޯތީގެ ދަހިވެތި ކަމުގައި ބަޔަކު ކުރި ކަމަކަށް. އެކަމަކު ގޯއްޗަށް ފަންޑިތަ ހެދި ބަޔަކު ނޭނގެނީސް ވިއްޔަ...ތިކަމެއް ތިހިނގީ.] ޝައްކެއް ނޫނެވެ. އެއީ އޭނާ ޔަޤީންކުރާ ގޮތެވެ.

[ސުދާ...އަހަރެން އެބަ އަންނަން.] ގަޑިއަށް ބަލައިލަމުން، ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް މިހެން ބުނެފައި، މުޢާޒު ގެއިން ނުކުތީ، ކުޑަދަރިފުޅު އަޒްހާން ގާތަށް ދިޔުމަށެވެ. އޭނާ މަގަށް ނުކުމެ ސައިކަލަށް އަރާ ދުއްވާލިއެވެ. އެވަގުތު އަނެއްކާވެސް ފޯނު ރިންގްވާން ފެށިއެވެ. ސައިކަލް މަޑުކޮށްފައި ބަލައިލިއިރު ފޯނު ކުރަނީ އަޒްހާނެވެ. އޭނާއަށް ލަސްވެގެނެވެ. މުޢާޒު ފޯނެއް ނުނަގައެވެ. އޭނާ ސައިކަލް ދުއްވާލައިފިއެވެ.

އޭނާ ސައިކަލް ބާރު ދުވެލީގައި ގޮސް މަޑުކުރީ ފިރާޝާމެންގޭ ދޮރުމައްޗަށެވެ. އަޒްހާން ދޮރުމަތީގައި ހުއްޓެވެ. މާމަޔާ އެކުގައެވެ. އޭނާ މުޢާޒް ފެނުމާއެކު ދުވެފައި އައިސް މުޢާޒުގެ ކަރުގައި އެލިގަތެވެ. މުޢާޒު ދަރިފުޅުގެ ގައިގައި ނުހަނު ލޯތްބާއެކު ބައްދާލިއެވެ. އެއަށްފަހު، ފިރާޝާގެ މަންމައާ ދިމާއަށް ބަލައިލަމުން ގޮވާލިއެވެ.

[މަންމާ ކިހިނެއް؟ ހާދަ ބަލިފާޑުޖަހައޭ...މަންމަ އަނެއްކާ ބަލީތަ؟] މުޢާޒު މަންމަ (ފިރާޝާ މަންމަ) އާ ވާހަކަ ދައްކަމުން އެތެރެއަށް ވަނެވެ.

[މަންމަ މިއުޅެނީ ކުޑަކޮށް ރޯގާވައްތަރު ވެގެން....ޙަފީޒާމެންގެ ޙާލު ރަނގަޅުތަ؟] މުޢާޒު އެގެޔަށް އައިސް ވަނުމުން ހިތްހަމަޖެހިފައި ހުރި ފިރާޝާގެ މަންމަ އެއްސެވެ.

[މަންމައާއި އަސްމާއްތައާ ދެމީހުން ބޭރަށް ގޮސްވީ. ކޮއްކޮ ހީކުރީ މަންމީމެން ދިޔައީ ބައްޕީމެން ހޯދަން ކަމަށް.] އަޒްހާން މުޢާޒުގެ ކޮނޑަށް އެރިއެވެ. މުޢާޒު ދަރިފުޅާއެކު އެތެރެއަށް ވަދެ ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

ޢުބޭދު އިށީނުމާއެކު ކުޑަދަރިފުޅު ޔޫހާ އައިސް އުނގަށް އެރިއެވެ. އޭރު ނަޒްމާވީ ޢުބޭދަށް ކާންހަދަން ބަދިގެފަރާތުގައެވެ. މިހާރު އަނެއްކާވެސް ޢުބޭދާއި ނަޒްމާ އެއްގަލަކަށް އަރައިގެން އުޅޭ ދުވަސްވަރެކެވެ. ކޮންމެވެސް މީހަކު ލައްވާ ޢުބޭދު ނަޒްމާއަށް ނަޞޭޙަތްދިނީއެވެ. ޢުމުރުން ދުވަސްވެފައިވާ އެ ނުދަންނަ މީހާގެ ނަޞޭޙަތް އޭނާޔަށް ޤަބޫލުކުރެވުނީ ވަރަށް އަވަހަށެވެ. މިހާރު ނަޒްމާގެ އެއްވެސް ޝަކުވާއެއް ނޯވެއެވެ. ޢުބޭދު އޭނާއާއި ދަރިފުޅުދެކެ ލޯބިވާ ކަމަށްވެސް މިހާރު އޭނާ ޤަބޫލު ކުރެއެވެ. އެހެންކަމުން، ޢުބޭދުވެސް މިހާރު ހުންނަނީ ނުހަނު ބޮޑަށް އުފާވެ ހިތްހަމަޖެހިފައެވެ. ޝައްކާއި ވަހުމަކީ ޢާއިލާއެއްގެ ހަމަޖެހުމަށް އެޅޭ ހުރަހެއް ކަމަށް އޭނާއަށް ޤަބޫލު ކުރެވެއެވެ.

[ދިރިއުޅުމަކަށް އިތުބާރުގެ މުހިންމުކަން އަހަންނަށް އެނގުނީ އަދި ކިރިޔާ.] މިހާރު ނަޒްމާ ބުނެއެވެ. އެއީ ތެދެކެވެ. ދެމަފިރިންގެ ދެމެދު އިތުބާރާއި ޔަޤީންކަން ނެތިއްޔާ، ދިރިއުޅުމުގައި ކުނިތައްޖެހި، ތަފާތު މައްސަލަތައް ދިމާވުމަކީ ޢާންމު ކަމެކެވެ. ކައިވެނި ރޫޅެން ދިމާވާ ސަބަބުތަކުގެ ތެރެއިންވެސް އެންމެކުރީ ސަފުގައި ވާނީ އިތުބާރުގެ މައްސަލައެވެ. ވީމާ ބާއްޖަވެރި ޒަވާޖެއް ހޭދަކުރަން ބޭނުންވަނީނަމަ، އެކަކު އަނެކަކަށް ފުރިހަމަ އިތުބާރު އޮންނަންވާނެއެވެ. މިހާރު ނަޒްމާއަށްވެސް ވަނީ ހަމަވިސްނުން ލިބިފައެވެ. އިތުބާރަކީ ޒަވާޖީ ޙަޔާތެއް ބާއްޖަވެރި ކުރުވަން ކިހާ މުހިންމު އެއްޗެއްކަން މިހާރު އޭނާއަށް ވިސްނިއްޖެއެވެ. ފިރިމީހާއާ މުޢާމަލާތް ކުރާނެގޮތް މިހާރު އޭނާއަށް ދަސްވެއްޖެއެވެ.

[ޢުބޭދު....އާދޭ ކާންހެދިއްޖެ....] ފުން ޚިޔާލެއްގެ ތެރެއަށް ގެނބިފައި ހުރި ޢުބޭދު ސިއްސައިގެން ދިޔައީ ނަޒްމާގެ އަޑުންނެވެ. އޭނާ ގަޑިއަށް ބަލައިލަމުން ކުޑަމަންޖެގެ އަތުގައި ހިފައިގެން ކާގެޔާ ދިމާއަށް ހިނގައިގެންފިއެވެ.

ކަރީމްބެ ފުރަތަމަ މުޢާޒާބެހޭ ފުރިހަމަ މަޢުލޫމާތު ހޯދިއެވެ. އެއަށްފަހު، އަނެއްކާވެސް ފޮތް ހުޅުވާލިއެވެ. ފުރަތަމަ އޭނާ ބަލަން ބޭނުންވަނީ ފިރާޝާއަށް އޭނާ (މުޢާޒް) ކާމިޔާބު ކުރެވޭނެތޯއެވެ. އެކެއްގެ އުފަލަށްޓަކައި އަނެކެއްގެ އުފާތައް ހަލާކު ކުރުމަކީ އަބަދުވެސް އޭނާ ވަރަށް ކުރަން ބޭނުންނުވާ ކަމެކެވެ. ނަމަވެސް، އަސްމާ އޭނާއަށް ކިޔައިދިން ގޮތުން ފިރާޝާގެ އުފާތަކަށް އަރައިގެންފައިވަނީ ސުދާއެވެ. ފިރާޝާ ނިކަމެތިކޮށްލީ ސުދާއެވެ. ކަރީމްބެ ފިރާޝާއަށް ކަމެއް ކޮށްލައިދޭން އެއްބަސްވީ އެހެންވެގެންނެވެ.

[ތިބުނާ ސުދާއަކު ދުނިޔޭގައި ހުރި ކަމަކަށް ނުދައްކާ...އަނެއްކާ ސުދާގެ ނަމާއި މަންމަގެ ނަން ތިބުނީ ރަނގަޅަށްތަ؟] ފުރަތަމަ ފާލަށްފަހު ކަރީމްބެ ޙައިރާންކަމާއެކު ބުންޏެވެ.

[އާނ...ރަނގަޅަށް މި ބުނީ...އޭނަގެ ބައްޕައަށްވެސް ކިޔަނީ ވަސީމް. މިހާރުވެސް އޭނަ އެބައުޅޭ އެގޭގައި.] ފިރާޝާ އިތުރަށް އޮޅުންފިލުވައިދިނެވެ. ކަރީމްބެ އަނެއްކާވެސް ފާލުބަލަން ފަށައިފިއެވެ. ދެންވެސް ނުކުތީ އެއް ނަތީޖާއެކެވެ.

[ތިބުނާ ސުދާޔަކު މިހާރަކު ދުނިޔެއަކު ނެތް...މިއީ ވަރަށް ތެދު ފާލެއް. މިފާލުގައި ބުނާގޮތް ވަރަށްގިނަފަހަރު ތެދުވާނެ.] ކަރީމްބެ ދެވަނަފަހަރަށް އެއްފާލެއް ތަކުރާރު ކުރުމަށްފަހު ބުންޏެވެ.

[އެކަމަކު ކަރީމްބޭ....މިހާރުވެސް ސުދާ ދުނިޔޭގައި އެބައުޅެޔޭ....އަދި އެހެން ފާލެއްވެސް ބަލައިލަބަލަ.] ކަރީމްބެގެ އެވާހަކައެއް ފިރާޝާމެނަކަށް ޤަބޫލެއް ނުކުރެވުނެވެ.

[ސުދާއެއް މިހާރަކު ނުހުންނާނެ...ކަލޭމެން ދެކުދިން ގޮސް ޔަޤީންކޮށްފައި އައިސްބަލަ.] ކަރީމްބެގެ ޔަޤީންކަން ބޮޑެވެ. އަސްމާ ވިސްނާލިއެވެ. ކަންތައް ކުރަންވީ ގޮތަކާ ދޭތެރޭގައެވެ.

[ތިކަމެއްވެސް ޔަޤީންކުރަން ދަމާ....ގޮސްލާފައި އަހަރެމެން ނިކަން އަވަހަށް އަންނާނަން.] އަސްމާއާއި ފިރާޝާ ތެދުވެގެން ހިނގައިގެންފިއެވެ. ނަމަވެސް، ކަރީމްބެ އެދެއްކި ވާހަކަތަކަކީ މާ ހަމަޖެހޭ ވާހަކަތަކެއް ކަމަކަށް އެމީހުނަކަށް ޤަބޫލެއް ނުކުރެވުނެވެ.

ނަމަވެސް ކަންކޮށްދޭން އުޅޭ މީހާގެ ބަސް ޤަބޫލު ކުރުން އެއީ އޮންނަ ކަމަކަށްވާތީ، ތެދު ދޮގު ބަލައިލަން އެމީހުން ބޭނުންވީއެވެ.

[ސުދާ ދުނިޔޭގައި ނެތޭ...ވަރަށް ހެއްވާ ވާހަކައެއްދޯ؟ އަނެއްކާ އަހަރެމެން ބުނި ނަން ދިމާނުވަނީކީ ނޫންބާ؟] ބޭރަށް ނުކުމެ އަސްމާ ވާހަކަ ދެއްކިއެވެ.

[އަހަރެން ދިނީ އެމީހުންގެ ފުރިހަމަ ނަންތަކޭ...ހިނގާ ގެޔަށް ގޮސް އެގެޔަށް ގުޅަމާ....] ފިރާޝާ ބުންޏެވެ.

[ކެރޭނެތަ ގުޅާފައި ވާހަކަ ދައްކަން...މައްސަލައަކީ އަހަރެންގެ އަޑު ސުދާއަށް އެނގޭނެތީ....] ގެޔާ ދިމާއަށް ހިނގައިގަންނަމުން ފިރާޝާ ބުންޏެވެ.

[އާނ...ކީއްވެ ނުކެރެންވީ؟ ހީވޭތަ...އަންހެނަކަށް އަހަރެން ފަސްޖެހެނޭހެން.] އަސްމާ މޭ ފުއްޕާލިއެވެ. އެއީ އަސްމާގެ ޠަބީޢަތެވެ. އެފަދަ ކަންތަކުގައި އޭނާއަށް އިސްނަގަން ކެރޭނެއެވެ. އެއްވެސް ކަމެއް ވެދާނެތީއޭ ކިޔާފައި، އޭނާ އެއްވެސް ކަމަކަށް ޖެހިލުމެއް ނުވާނެއެވެ.

[އެނގިދާނެތާ...މިއަދު އަސްމާގެ ތިޔަހުރި ކެރޭވަރެއްވެސް.] ފިރާޝާ ދިމާކުރިއެވެ. ކާމިޔާބަށް އެދޭތީއެވެ.

[އަހަންނަށް އެނގޭ ވާހަކަ ދައްކާނެ ގޮތްވެސް.] އަސްމާގެ ހިތްވަރު އެބަހުއްޓެވެ. މިފަދަ ކިތަންމެ ކަމަކާ މަދްރަސާ ދައުރުގައިވެސް ކުރިމަތިލައި އޭނާވަނީ ކާމިޔާބު ހޯދައި، އޭނާގެ ފަރާތަށް ތިލަފަތް ބަރުކޮށްފައެވެ. އެއީވެސް އޭނާގެ ވާހަކަ ދެއްކުންތެރިކަމާއި ރޭވުންތެރިކަންވެސް މޮޅުވުމެވެ.

މަގުމަތިން ޓެކްސީއެއް ނަގައިގެން އައިސް އެމީހުނަށް ގެޔަށް އާދެވުނުއިރު ކުޑަދަރިފުޅުވެސް ނިދައިފިއެވެ.

[އެހުރީ ފޯނު އަވަހަށް ގުޅާބަލަ.] ފިރާޝާގެ ކެތްތެރިކަން ކުޑަވެފައިވާ ކަހަލައެވެ.

[ވަރުބަލި ފިލުވައިގެނެއްނު...އެހެން ނޫނީ މާނޭވާލާއަޑު އިވޭނެ...މާބޮޑު ކަމެއްވެގެން އުޅެނީއޭ އޭނާގެ ހިތަށްއަރާފާނެ.] އަސްމާ ދުރަށްވެސް ވިސްނައެވެ. އަނެކާގެ ވިސްނުމާ ދޭތެރެއެވެ.

[އެކަމަކު...ދެން ކިހިނެއްތަ ކަރީމްބެ އެދެއްކި ވާހަކަތައް އަހަރެމެން ޤަބޫލު ކުރާނީވެސް...ސުދާ މަރުވެއްޖެޔޯ ވިއްޔަ އެބުނީ...ދެން މުޢާޒު އިނދެގެން އެއުޅެނީ ކާކާޔޯ؟] ކަރީމްބެގެ ވާހަކަތައްވީ ފިރާޝާއަށް ވަރަށް ހެއްވާ، ތާކުންތާކު ނުޖެހޭ ވާހަކައަކަށެވެ.

[ވަރުބަލި ފިލައިފި...ދެން ގުޅަންވީ...ނަމްބަރު ޖަހާފައި ފޯނު ގެނޭ މަގޭ އަތަށް.] އަސްމާ ހަމަޖެހިލިއެވެ. ފިރާޝާ މުޢާޒުމެންގޭގެ ނަމްބަރު ޖަހާފައި ރިންގްވާން ފެށީމާ އަސްމާގެ އަތަށް އަތްގަނޑު ދިނެވެ. އަސްމާ ފޯނު ކަންފަތުގައި ޖައްސާލިއެވެ. ކުޑައިރުކޮޅެއްވެސް ނުވަނީސް އެކޮޅުން ފޯނު ނަގައިފިއެވެ. އަސްމާ އަވަސް އަވަހަށް ފޯނު ފިރާޝާގެ ކަންފަތުގައި ޖެއްސިއެވެ.

[ހަލޯ...ހަލޯ....] އެކޮޅުން އިވުނީ ސީދާ ސުދާގެ އަޑެވެ. ފިރާޝާ ވައިއަޑުން ހަމައެކަނި އަސްމާއަށް އިވޭވަރަށް ވާހަކަ ދައްކަނީ ސުދާ ކަމުގަޔާއި، އަވަހަށް ކުރިއަށް ގެންދިޔުމަށް ބުންޏެވެ.

[އައްސަލާމް ޢަލައިކުމް...ސުދާތަ؟] އަސްމާ ފެށިއެވެ.

[ވަޢަލައިކުމުއް ސަލާމް...ވާހަކަ ދައްކަނީ ސުދާ.] ސުދާ ޖަވާބުދިނެވެ.

[ހަމަ ޙަޤީޤަތުގައިވެސް ތިޔައީ ސުދާތަ؟] އިތުރަށް ޔަޤީން ކުރުމުގެ ބޭނުމުގައި އަސްމާ އެއްސެވެ.

[އާނ...މީ ސުދާ...ކާކު ތީ އަސްމާތަ؟] ސުދާ އަސްމާ ދެނެގަތެވެ. އަސްމާ ނިކަން ޙައިރާން ވެއްޖެއެވެ. ޙަޤީޤަތުގައި ސުދާއަކީ އަސްމާ އެއްވެސްވަރަކަށް ދަންނަވެސް މީހެއް ނޫނެވެ. ޢަޖައިބެކެވެ. އެކަމަކު އޭނާއަށް އަސްމާގެ އަޑުން އެނގިއްޖެއެވެ.

[ކޮން އަސްމާއެއް؟ އަސްމާއެއް ނޫން މީކީ...އަހަރެން މިގުޅީ ކޮންމެވެސް މީހަކު ސުދާވަނީ މަރުވެފައޭ ބުނީމާ...އެކަމުގެ ތެދު ދޮގު ބަލައިލަން.] އަސްމާ ދޮގާއި ތެދު މަސްހުނިކޮށްގެން ވާހަކަ ދެއްކިއެވެ. އަސްމާގެ މި ޖުމްލައިން ސުދާއަށް ކުއްލި ޝޮކެއް ލިބުނު ކަހަލައެވެ.

[މާ ހެޔޮއެދޭ މީހަކަށް ވެގެން ކާކުތީ؟] ދޮގު ހެދިޔަސް ތިޔައީ އަސްމާކަން އަހަންނަށް އެނގޭ...ތިއީ ފިރާޝާގެ ބަސް މުޢާޒާ ހަމައަށް އުފުލާ މީހެއްނު...އަސްމާއެއްކަމަކު ނުޖެހޭނެ، އަހަރެމެންގެ ދިރިއުޅުމަށް ވަންނާކަށް.] ސުދާ ގާތަށް ރުޅިއައެވެ. އެކަން އޭނާގެ ވާހަކައިންނާއި އަޑު ގެންގުޅޭގޮތުން އެނގެއެވެ.

[ދެން ކީއްވެޔޯ؟ ސުދާ ފިރާޝާގެ ދިރިއުޅުމުގެ ތެރެޔަށް ވަނީ...ނުޖެހޭނެ ސުދާވެސް ފިރާޝާގެ ދިރިއުޅުން ހަލާކުކުރާކަށް...ގޭގައި ގެންގުޅޭ މީހަކަށް ގެނައީމަ، ސާހިބު މީހާގެ ދިރިއުޅުމުގެ ތެރެއަށް ވަނުން އެއީ ވަރަށް ރީތި ސިފައެއް ކަމަށްދޯ ހީކުރީ.] އަސްމާ ގާތަށްވެސް ރުޅިއައެވެ.

[އަހަންނެއް ފިރާޝާގެ ދިރިއުޅުމުގެ ތެރެއަކަށް ނުވަންނަން...އޭނަގެ ދިރިއުޅުން ހަލާކުކޮށްލީ އޭނަ އަމިއްލައަށް...އޭނަ އުޅުނީ އޭނަގެ މުޑުދާރު ދިރިއުޅުމުގެ ހިޔަނިން މުޢާޒުގެ ޙަޔާތް ބަނަކޮށްލަން.] ސުދާގެ އަޑު ބާރުވިއެވެ.

[ފިރާޝާއަކީ ކަލޭ ތި ހީކުރާކަހަލަ މީހެއް ނޫން...ކަލޭ މުޢާޒުގެ ބޮލަށް ވަދެގެން ފިރާޝާއާއި މުޢާޒު ދުރުކުރުވީ...ފުރަތަމަ ނުލާހިކު ރަނގަޅަށް އުޅެމުން އައިސް މައްސަލަތައް ދިމާވާން ފެށީ ކަލޭ ތިގެއަށް ފޭބީމަ...ކަލޭ ތިހެން އުޅުނަކަ ނުދޭނަން.] އަސްމާ އިންޒާރު ކުރިއެވެ.

[އެއްކަމެއްވެސް ނުކުރެވޭނެ...އަހަރެންގެ ދިރިއުޅުމުގެ ތެރެއަކަށް ކަލެއަކަށްވެސް އަދި ފިރާޝާއަކަށްވެސް ނުވަދެވޭނެ.] ސުދާގެ އަޑު ކުރިޔަށްވުރެންވެސް ބާރުވިއެވެ.

[ހޫނ ބަލާނަމޭ...ކިހާ ދުވަހެއް ވަންދެންތޯ...ތިހެން ކަލެއަށް އުޅެވޭނީ...މީ އަހަރެމެންގެ ރަށް. މިރަށަކު ތިހެނެއް ނޫޅެވޭނެ.] އަސްމާ އަނެއްކާވެސް އިންޒާރު ކުރިއެވެ. ސުދާ ނިކަން ބާރަށް ހީގަތެވެ.

[ކާކު ކަލޭމެނަށް ދިން ރަށެއްތަ؟ އެނގޭތަ ދިރިއުޅޭކަށް އަހަންނަކަށް ވަކިރަށެއް ނޯންނާނެ.] ސުދާ ކުރިއަށްވުރެންވެސް ބާރަށް ހީގަތެވެ.

[ތިހެން ގަދަކަން ދައްކައިގެން ނޫޅެވޭނެ. ވަރަށް އަވަހަށް ކަލެއަށް އެކަން ދައްކާނަން.] އަސްމާ އޭނާގެ ކޮޅުވެސް ދޫދޭކަށް ބޭނުމެއް ނުވެއެވެ.

[އަހަރެންގެ ޙަޤީޤީ ގަދަކަން ކަލޭމެނަށް ދައްކައިފިއްޔާ، ކަލޭ ބިރުން މޮޔަވެދާނެ. މާގިނަ ދުވަސްތަކެއްނުވެ، އެ ގަދަކަން ކަލެއަށް ފެންނާނެ.] ސުދާވެސް އިންޒާރު ދިނެވެ. ނަމަވެސް ޙަޤީޤަތް ނޭނގޭތީ އަސްމާ އެކަން މާބޮޑު ކަމަކަށް ނަހަދައެވެ. ސުދާދެކެ ޖެހިލުންވެ ހަތިޔާރު ބަހައްޓާކަށް އޭނާ ބޭނުމެއް ނޫނެވެ.

[ނުކުރެވޭނެ އެއްކަމެއްވެސް....މާގިނަ ދުވަސްތަކެއްނުވެ، ފިރާޝާ އަލުން މުޢާޒުގެ އަންބެއްގެ ގޮތުގައި ތިގެއަށް ވަންނާނެ. ކަލެއަށް ޖެހޭނީ ރޮއިރޮއި ހުންނަން.] އަސްމާ ޕަސްލާފައި ފޯނު ބޭއްވިއެވެ.

މުޢާޒު އައިސް ގެޔަށް ވަނީ ސުދާ ފޯނު ބޭއްވިތަނާހެނެވެ. މުޢާޒު ފެނުމާއެކު، ސުދާ ރޮއިގަތެވެ.

[ކިހިނެއްވީ؟ ކާކުތަ ގުޅީ؟] މުޢާޒު ސުދާ އަތުލަފިކޮށްގެން ގޮސް ކޮޓަރިއަށް ވަނެވެ.

[ފިރާޝާ....މީހުން ލައްވާ އަހަންނަށް ގުޅުވަނީ. އެމީހާ އަހަންނާ ދިމާއަށް ވަރަށް އެއްޗެހިކީ. މަރުގެ އިންޒާރުވެސް ދިން....] ސުދާ ބާރަށް ރޮއިގަންނަމުން މުޢާޒުގެ މޭގެތެރެއަށް ބޮނޑިވެލިއެވެ.

[ފިރާޝާ މީހުން ލައްވާ ގުޅުވަނީއޭ!؟] މުޢާޒަށް ފޯނާ ދިމާއަށް ހިނގައިގަނެވުނެވެ.

[މުޢާޒު....އަޅާނުލާ.....] ރޮމުން ގިސްލަމުން ސުދާ ވާހަކަ ދެއްކިއެވެ.

[އަޅާނުލައެއް ނުހުރެވޭނެ...އޭނައަކަށް ނުޖެހޭނެ މީސްމީހުން ލައްވާ ސުދާއަށް ގުޅުވާކަށް.] މުޢާޒު އައިސްފައިވާ ރުޅިއާއެކު ބާރަށް ގޮސް ކޮޓަރިން ނުކުމެ މޭޒުމަތީގައި ހުރި ފޯނު ނަގައިފިއެވެ. އޭރު ފަހަތުން އައިސް ސުދާވެސް އެތަނަށް ހުއްޓިއްޖެއެވެ. މުޢާޒު ފިރާޝާއަށް ގުޅިއެވެ. ނަޞީބު ދިމާކުރިގޮތުން ފޯނު ނެގީވެސް ފިރާޝާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން