ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓުގައި ކެނޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ރަޖިސްޓަރީގައި ސޮއިކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން މި އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި މަސައްކަތް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ.

ކޮމިޝަނުން ބުނިގޮތުގައި ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުޞަތު ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް، އަދި ރޭގަނޑު 09:30 އިން 12:00 އަށް ވަނީ ހަމަޖައްސާފައެވެ.

މި ލިސްޓުގައި ކެނޑިޑޭޓުގެ ބަދަލުގައި ކެނޑިޑޭޓު ކަނޑައަޅާ ފަރާތަކުން ސޮއިކުރާނަމަ، އެކަމަށް ޚާއްޞަ އިޖުރާއަތްތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭ ގޮތަށް ކެނޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން ކެނޑިޑޭޓުގެ އައިޑީކާޑު ކޮޕީއަކާއި، ސޮއިކުރަން ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

މި ފުރުޞަތަކީ އިންތިޚާބުގެ ސައްޙަކަން ކަށަވަރުކުރުމަށާއި، ވޯޓުލާ މީހުންގެ ލިސްޓަށް ކެނޑިޑޭޓުން އިތުބާރު ހޯދުމުގެ ގޮތުން ޤާނޫނީ ގޮތުން ކުރަންޖެހޭ މުހިންމު ކަމެއްކަމުން، ހުރިހާ ކެނޑިޑޭޓުންވެސް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި މިކަން ފުރިހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު