ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ) ޑރ ޢަބްދުﷲ މައުސޫމް (ވ)
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ) ޑރ ޢަބްދުﷲ މައުސޫމް (ވ)
މި މަހު 15 ގައި ގެސްޓްހައުސްތައް ހުޅުވަން ފެށުމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ގޮވާލައްވައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރ ބަންދުކުރުމަށް ފަހު ޖުލައި މަހުގެ 15 ގައި ބޯޑަރ އަލުން ހުޅުވާލި ފަހުން މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 22،007 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އަދި މިމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 223 ތަނެއް ހުޅުވާފައިވެ އެވެ. މީގެ ތެރޭގައި ރިސޯޓު، ސަފާރީ ހިމެނެ އެވެ. އެއީ 24،000 އަށްވުރެ ގިނަ އެނދެވެ. އަދި ރާއްޖޭގެ ގެސްޓް ހައުސްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޑރ. މައުސޫމް ވަނީ އުއްމީދީ ފައިދާއަށް ވާސިލުވުމުގެ ބިންގަލަކީ އެއްބައިވަންތަކަމާއި ޒިންމާދާރުކަން ކަމަށް ވިދާޅުވެ ގެސްޓް ހައުސްތައް ހުޅުވުމަށް ހިތްވަރު ދެއްވާފައެވެ. އެގޮތުން އެންމެން އަތުގުޅާލައި ފަރުވާތެރިކަން އިސްކޮށްގެން ކުރާ މިންނެތް މަސައްކަތުން ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.



މީގެ އިތުރުން ޕާޓާ އާއި ސީއެންއެން ގުޅިގެން ބޭއްވި ޑެސްޓިނޭޝަން އިންސައިޑް ސީރީޒް މޯލްޑިވްސްގައި ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން ފަތުރުވެރިކަން ހުއްޓިފައި އޮތުމަށްފަހު އެތައް ހުރަސްތަކަކާއެކު ވެސް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އަންނަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ ކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީން ފެށިގެން މާޗް މަހު ބޯޑަރު ބަންދުކުރުމާ ހަމަޔަށް 382،760 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ދުވާލަކު އެވްރެޖްކޮށް 4،206 ޓޫރިސްޓުންނެވެ.

ރާއްޖޭގެ ރަށްރަށުގައި ހުރި ގެސްޓުހައުސްތައް ހުޅުވާލަން ހުއްދަ ދިންކަމުގައި ވިޔަސް މާލޭ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވާލުމުގެ ހުއްދަ ދޭން ސަރުކާރުން އަދި ނިންމާފައެއް ނުވެއެވެ. އެއީ ރާއްޖެއިން ފެެންނަ ގިނަ ކޭސްތަކަކީ ގްރޭޓާ މާލެ ސަރަހައްދުން ރިޕޯޓް ކުރެވޭ ކޭސްތަކަށް ވާތީ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ޓޫރިސްޓުންނަށް ޚިދުމަތްދިނުމުގެ ހުއްދަ ގެސްޓުހައުސްތަކަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވަނީ ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ވަކިވަކި ކައުންސިލްތަކާއި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެޗްޕީއޭގެ މަޝްވަރާގެ މަތިންނެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ގެސްޓްހައުސް ހިންގާ އިމާރާތްތަކަކީ އާއްމުން ދިރިއުޅޭ އިމާރާތަކަށް ވެގެން ނުވާނެ އެވެ. އަދި ޓޫރިސްޓަކު ނުވަތަ މުވައްޒަފަކު ޕޮޒިޓިވްވުމުން އެކަހެރިކޮށްފައި ބަހައްޓާނެ ތަނަކާއި ބަލި ޖެހިފައިވާ މީހުންނާއި ކޮންޓެކްޓްވާ މީހުން ކަރަންޓީން ކުރާނެތަނެއް ވެސް ހަމަޖައްސަން ޖެހެ އެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިންނަށް ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު ލޯކަލް ޓޫރިޒަމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައިވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތަކަކާއިއެކު ރަށްރަށުގައިހުރި ގެސްޓްހައުސްތަކުން ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ މިމަހުގެ 15 އިން ފެށިގެންނެވެ. ރާއްޖޭގެ 86 ރަށެއްގައި ދިހަހާހަށްވުރެ ގިނަ ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ.

ގެސްޓު ހައުސްތައް ހުޅުވާލަން ސަރުކާރުން ނިންމާފައިވާއިރު، ކޮވިޑުގެ ހާލަތާއި ގުޅިގެން ބައެއް ގެސްޓުހައުސްތައް ވަނީ އެއްކޮށް ބަންދުކޮށްފަ އެވެ. އަދި މިގޮތަށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ބަހައްޓަން ޖެހުމުގެ ސަބަބުން މި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޮޑެތި މާލީ ގޮންޖެހުންތަކަކާ އަންނަނީ ކުރިމަތިވަމުންނެވެ. ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ލަފާކުރުންތަކަށް ބަލާއިރު، މި އަހަރު އެކަނިވެސް ގެސްޓް ހައުސް ވިޔަފާރިއަށް 29 މިލިއަން ޑޮލަރުގެ (446.6 މިލިއަން ރުފިޔާގެ) ގެއްލުމެއް ލިބޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން