އެމެރިކާ އިސްވެ އޮވެ، އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ގަތަރާއި، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް އީރާނުން ދީފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ބުދަ ދުވަހު ވަނީ ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ގަތަރާއި، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ތެލާއި ގޭހުގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ ވަރުގަދަ އިންޒާރެއް ދީފައެވެ.

މި އިންޒާރުގައި ސައުދީގެ "ސަމްރެފް" ރިފައިނަރީއާއި ޖުބައިލް ޕެޓްރޯކެމިކަލް ކޮމްޕްލެކްސްގެ އިތުރުން، ޔޫއޭއީގެ "އަލް ހަސަން" ގޭސް ފީލްޑާއި ގަތަރުގެ ބައެއް ކާރުޚާނާތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ބުނެފައިވެއެވެ. އަދި އެ ސަރަހައްދުތަކުގައި އުޅޭ މީހުން ވަގުތުން ތަން ދޫކޮށް ދިއުމަށްވެސް ވަނީ އަންގާފައެވެ.

މި އިންޒާރު ދީފައިވަނީ އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑަށް ބުދަ ދުވަހުގެ ކުރީކޮޅު ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. މި ހަމަލާގެ ސަބަބުން އުފެދުނު އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔަރ ފައިޓަރުން މަސައްކަތް ކުރަމުންދާއިރު، އީރާނުން ވަނީ މި ހަމަލާގެ ޒިންމާ އިސްރާއީލާއި އެމެރިކާއިން ނަގަންޖެހޭނެ ކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު