ގއ. މާމެންދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައޮ ސޮއިކުރުން1
ގއ. މާމެންދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައޮ ސޮއިކުރުން1
އިސްލާމީ ދާއިރާއިން ރާއްޖޭގެ 14 ރަށެއްގައި މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް އެކި ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި މިސްކިތްތައް ބިނާކުރުމާއި، އިސްލާމީ މަރުކަޒުތަކާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުން ހިމެނެއެވެ.

ރޭ ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތަފްސީލަށް ބަލާއިރު، ގދ. ގައްދޫ، ސ. މަރަދޫ، ކ. މާފުށި، އދ. މާމިގިލި އަދި މ. މުލަކުގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. ދ. ކުޑަހުވަދޫ އާއި ތ. ވޭމަންޑޫގައި މިފަދަ ގޮފިތައް ބިނާކުރުމަށް އައްޔަބޭ ޕާޓްނާސްއާ ހަވާލުކޮށްފައިވާއިރު، ލ. ފޮނަދޫގެ މަޝްރޫޢު ހަވާލުކުރީ ވައިޓް ލިންކު ޕްރައިވެޓް ލިމިޓެޑާއެވެ.

މީގެ އިތުރުން، ނ. މަނަދޫ، ރ. ދުވާފަރު އަދި ނ. ވެލިދޫގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. އެ ކުންފުންޏާ އިތުރު ދެ މަޝްރޫޢެއްވެސް ވަނީ ހަވާލުކޮށްފައެވެ. އެއީ ގއ. މާމެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމާއި، ށ. ފީވަކުގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތް ކުރުމުގެ މަސައްކަތެވެ.

މި ރަސްމިއްޔާތުގައި ބ. އޭދަފުށީގައި އިސްލާމީ މަރުކަޒެއް ބިނާކުރުމުގެ ބޮޑު މަޝްރޫޢު އެސް.އޭ.އެސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ.

ރާއްޖޭގައި އިސްލާމީ ކަންކަން ކުރިއަރުވައި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 90 އަށްވުރެ ގިނަ މަޝްރޫޢު ދަނީ ހިނގަމުންނެވެ. މީގެ ތެރޭގައި ވަޤްފު ޢިމާރާތްތަކާއި، އިސްލާމީ މަރުކަޒުތަކުގެ އިތުރުން ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު