މާލޭގެ މާފަންނު އަވަށުގައި ހުރި ކެމިކަލް ގުދަނެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ހާލުގައި ޖެހުނު 454 މީހަކު އިވެކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ މާފަންނު އިއްޒުދީން މަގުގައި ހުންނަ މ. ކައިރުގޭގައި ގާއިމުކޮށްފައިވާ ”ޕްރައިމް ގޯޑައުން 1“ ގައެވެ. އަލިފާން ރޯވުމާއެކު ސަލާމަތީ ބާރުތަކުންނާއި ކަމާބެހޭ އިދާރާތަކުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

އެންޑީއެމްއޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި، ރޭ ދަންވަރު 2:30 އާ ހަމައަށް ޖުމްލަ 15 ގެއަކުން މީހުން ހުސްކުރަން ޖެހުނެވެ. އަދި އިވެކުއޭޝަން ސެންޓަރުގައި 454 މީހުން ރަޖިސްޓްރީ ކުރެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 69 އަންހެނުންނާއި 385 ފިރިހެނުން ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ. މީގެ ތެރެއިން 302 މީހުންނަކީ ބިދޭސީ މަސައްކަތްތެރިންނެވެ.

މި ހާދިސާގެ ސަބަބުން ދިރިއުޅޭނެ ވަގުތީ ބޯހިޔާވަހިކަން ބޭނުންވި 10 ގެއެއްގެ 77 މީހަކަށް އެންޑީއެމްއޭގެ ފަރާތުން މިހާރު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ހާލުގައި ޖެހުނު ބިދޭސީންގެ ތެރެއިން 280 މީހަކާ އެމީހުންގެ ވަޒީފާދޭ ފަރާތްތަކުން މިހާރު ހަވާލުވެފައިވާއިރު، އިތުރު 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެންޑީއެމްއޭ އިން ފާހަގަކުރި ގޮތުގައި، 15 ގެއެއް ހުސްކުރަން ޖެހުނީ އަލިފާނުގެ ސަބަބުން އުފެދުނު ބޯ ދުމުގެ އަސަރު އެ ގެތަކަށް ނުރައްކާތެރި މިންވަރަކަށް ކުރުމުގެ ސަބަބުންނެވެ. އަދި ބައެއް އާއިލާތަކުން އަމިއްލައަށް އެމީހުންގެ ތިމާގެ މީހުންގެ ގެތަކަށް ބަދަލުވެފައިވާކަންވެސް އެ އިދާރާއިން ފާހަގަކުރިއެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެންނާއި އެކި ކަހަލަ އުނދަގޫތަކާ ގުޅިގެން ޖުމްލަ 7 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. ނަމަވެސް އެ އެންމެންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށާއި، ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ރަސްމީ އިދާރާތަކުން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު