އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އިސްރާއީލުން އީރާނުގެ ސައުތު ޕާރްސް ގޭސްފީލްޑަށް އިއްޔެގައި ދިން ހަމަލާގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކައާއި ޚިލާފަށް، އީރާނުގެ ގޭސްފީލްޑަށް ދިން އެ ހަމަލާއަކީ އެމެރިކާއާއި ގުޅިގެން ވަރަށް ދުރާލާ ރޭވިގެން ދެވުނު ހަމަލާއެއް ކަމަށް އިޒްރޭލުން ހާމަކޮށްފިއެވެ.

ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އެ ހަމަލާގެ އެއްވެސް މައުލޫމާތެއް އެމަނިކުފާނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވެސް ވަނީ ޓްރަމްޕްގެ މި ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. ނަމަވެސް، ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުން ބުނަމުންދަނީ އީރާނުގެ ގޭސް މަރުކަޒުތަކަށް ދިން ހަމަލާއަކީ އެމެރިކާއާ ގުޅިގެން، ދުރާލާ ރޭވިގެން ދިން ހަމަލާއެއް ކަމަށެވެ.

ސައުތު ޕާރްސްއަށް ދިން ހަމަލާގެ ޒިންމާ އިޒްރޭލުން ރަސްމީކޮށް އުފުލާފައެއް ނުވެއެވެ. ބުދަ ދުވަހުގެ ރޭ ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޮޝިންގްޓަނަށް އެ ހަމަލާގެ އެއްވެސް މައުލޫމާތެއް އެނގިފައި ނުވާ ކަމަށާއި، އީރާނުން ގަތަރަށް ދެން ހަމަލާއެއް ނުދޭހާ ހިނދަކު އިޒްރޭލުން އިތުރަށް ގޭސްފީލްޑަށް ހަމަލާ ނުދޭނެ ކަމަށެވެ.

ނަމަވެސް، ރޮއިޓާސްއާ ވާހަކަދެއްކި އިޒްރޭލުގެ އިސް ތިން އޮފިޝަލަކު ވިދާޅުވީ، ޓްރަމްޕްގެ މި ވާހަކަފުޅުތަކާ މެދު އިޒްރޭލުން ހައިރާން ނުވާ ކަމަށެވެ. އެބޭފުޅުން ސިފަކުރެއްވި ގޮތުގައި މިއީ މީގެ ހަފުތާތަކެއް ކުރިން އީރާނުގެ ތެޔޮ ގުދަންތަކަށް ދިން ހަމަލާއަށްފަހު ވެސް ކަން ހިނގި ގޮތެވެ. އެފަހަރު ވެސް ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު ވިދާޅުވެފައިވަނީ އެއީ އެމެރިކާގެ ހަމަލާތަކެއް ނޫން ކަމަށެވެ.

ސައުތު ޕާރްސްއަށް ދިން ހަމަލާއާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ކަށަވަރުކޮށްދެއްވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކަމާ ގުޅޭގޮތުން ވާހަކަދެއްކެވި ކަމަށެވެ. ނަމަވެސް ވާހަކަދެއްކެވީ ސީދާ ކޮން ވަގުތަކު ކަމެއް ހާމައެއް ނުކުރައްވައެވެ. ޓްރަމްޕް ވިދާޅުވީ އީރާނުގެ ތެލާއި ގޭސް މަރުކަޒުތަކަށް އިތުރު ހަމަލާ ނުދިނުމަށް ނަތަންޔާހޫ އަރިހު ވިދާޅުވި ކަމަށެވެ.

"އާނ، އަހަރެން ބުނިން އެހެން ނުހަދާށޭ... އޭނާ (ނަތަންޔާހޫ) ދެން އެކަމެއް ނުކުރާނެ. އަހަރެމެންނަކީ މިނިވަން ބައެއް، އެކަމަކު ގުޅުން ވަރަށް ރަނގަޅު. ކަންކަން ކުރަނީ ގުޅިގެން. ނަމަވެސް ބައެއް ފަހަރު އޭނާ ކަމެއް ކޮށްފާނެ، އަދި އެކަމެއް އަހަރެން ގަބޫލުނޫން ނަމަ... އެހެންވީމާ ދެން އެކަމެއް ނުކުރާނެ،" ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވިއެވެ.

ޓްރަމްޕްގެ 'ޓްރުތު ސޯޝަލް' ގައި ވިދާޅުވެފައިވަނީ، އީރާނުން އަލުން ގަތަރަށް ހަމަލާއެއް ދީފި ނަމަ، އެމެރިކާއިން އެ ގޭސްފީލްޑް ވަރުގަދައަށް "ގޮއްވާލާނެ" ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ގޭސް ރިޒާވް ކަމަށްވާ ސައުތު ޕާރްސްއަށް ދިން ހަމަލާއާ ގުޅޭގޮތުން އިޒްރޭލުގެ މަސްދަރުތަކުން ރޮއިޓާސް އަދި ސީ.އެން.އެން އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެއީ އެމެރިކާއާ ގުޅިގެން ދިން ހަމަލާއެއް ކަމަށެވެ. ސީ.އެން.އެން އަށް މައުލޫމާތު ދިން އެމެރިކާގެ މަސްދަރަކުން ވެސް ވަނީ އެ ހަމަލާގެ މައުލޫމާތު އެމެރިކާއަށް "އެނގޭ" ކަމަށް ބުނެފައެވެ.

މީގެ އިތުރުން، ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން އީރާނަށް އިންޒާރެއް ދިނުމުގެ ގޮތުން ދިން އެ ހަމަލާއަށް ޓްރަމްޕް ތާއީދުކުރެއްވިއެވެ. ނަމަވެސް، މިހާރު އިތުރު ހަމަލާތަކެއް ދިނުމާ ޓްރަމްޕް ދެކޮޅެވެ. އެހެންނަމަވެސް، އީރާނުން އެ މުހިންމު ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއަޅާ ނަމަ، އިތުރު ހަކަތަ މަރުކަޒުތަކަށް ހަމަލާދިނުމުގެ ފުރުސަތު އޮތްކަމަށް އެ ނޫހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް