އިޒްރޭލުން އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑާއި ގުޅުވާފައިވާ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވެ، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިޒްރޭލުގެ ހަމަލާތަކުގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާ، ޔޫއޭއީ، ޤަތަރު އަދި ކުވައިތުގައި ހުންނަ ހަކަތައިގެ ވަސީލަތްތަކަށް އީރާނުން ދީފައިވާ ހަމަލާތައް ވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ. ސަރުކާރުން ހާމަކުރި ގޮތުގައި މިފަދަ ހަމަލާތަކަކީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ބަލިކަށިކޮށްލާނެ އަމަލުތަކެކެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ތެޔޮ އިންސްޓޯލްމަންޓްތަކާއި، ޑީސެލިނޭޝަން ޕްލާންޓްތަކާއި، އެއާޕޯޓްތައް ފަދަ މުހިންމު މަދަނީ އިންފްރާސްޓްރަކްޗާތައް ހިމާޔަތް ކުރުމުގެ މުހިއްމުކަން މި ހާދިސާތަކުން ހާމަވާ ކަމަށެވެ.

މި ސަރަޙައްދުގެ އަމަންއަމާންކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި، މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ތަކުރާރުކޮށް ގޮވާލާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. އަދި ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަނީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު