އިންތިޚާބުތައް ބޯމަތިވެފައި ވަނިކޮށް، ސަރުކާރުގެ އެކި ވުޒާރާތަކަށް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން އައްޔަނުކުރަމުންދާކަން ހާމަވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ޚާއްޞަކޮށް ޔޫތު މިނިސްޓްރީގެ އެތެރޭގެ މުއާމަލާތްތަކުން ފެންނަން ހުރި ގޮތުގައި، މި ފަހުން އެ މިނިސްޓްރީއަށް ވަނީ ސްޓޭޓް މިނިސްޓަރަކާއި، ދެ ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުންނާއި ޕޮލިޓިކަލް ޑައިރެކްޓަރުން ހިމެނޭހެން ގިނަ ބަޔަކު ވަޒީފާއަށް ވައްދާފައެވެ. މިއީ އިންތިޚާބުތަކާ ދިމާކޮށް ވަޒީފާގެ ބިރުދެއްކުމާއި ނުފޫޒު ފޯރުވުމަށް ހިންގާ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ.





މި އައްޔަނުކުރުންތަކާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނީ، އިންތިޚާބާ ގުޅިގެން އެއްވެސް ވަޒީފާއަކަށް މީހަކު ނުނަގާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް، މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ރަށްރަށުގައި ހިންގާ މަޝްރޫޢުތަކަށް ކަމަށް ބުނެ ގިނަ އަދަދަކަށް ވަޒީފާ އިއުލާންކުރަމުންދާކަން ފާހަގަކުރެވެއެވެ. ގިނަ ފަރާތްތަކުން ބުނާ ގޮތުގައި މި މަޝްރޫޢުތައް ހިންގަން ބޭނުންވާ ސާމާނު ނެތި، އަމަލީ މަސައްކަތް ހުއްޓިފައި އޮތް ނަމަވެސް ވަޒީފާ ދެމުންދަނީ ސިޔާސީ މަންފާއަކަށްޓަކައެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަކީ ރައީސްގެ ވައުދަކަށް ވީ ނަމަވެސް، މިހާރު އެ އަދަދު 3000 އާ ގާތްކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ސަރުކާރުން އެންމެ ފަހުން ހާމަކުރި 922 މުވައްޒަފުންގެ ތަފްސީލު ކަށަވަރުކުރެވޭނެ ގޮތެއް ނެތްއިރު، ރައީސް އޮފީހުގެ ވެބްސައިޓުގައި ސިޔާސީ މަގާމުތަކުގެ މައުލޫމާތު އަދާހަމަކުރުން ހުއްޓާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ވަނީ އިތުރުވެފައެވެ. މިއީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރާނެ ކަމަށް ބުނި ސަރުކާރަކުން، ފާޑުކިޔުންތަކުން ސަލާމަތްވުމަށް ކުރާ ކަމެއް ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު