ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު-
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު-
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މާލީ މެނޭޖްމަންޓް ރަނގަޅުކުރުމަށްޓަކައި އެ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަންގަވައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، މިނިސްޓަރު ޒަމީރު މިގޮތަށް އެންގެވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުހައްމަދު އަނަސްއަށް ފޮނުއްވި ރަސްމީ ސިޓީއެއްގައެވެ. މި ނިންމުމަކީ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށާއި، ދައުލަތުގެ ފައިސާ ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން މީޑިއާއަށް ދޫކޮށްލި މަޢުލޫމާތުގައިވާ ގޮތުން، މިއީ ޕީސީބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރެވުނު މުހިންމު ފިޔަވަޅެކެވެ. މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކޮންޓްރޯލްކުރުމާއި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި މަގާމުގެ ކުރިއެރުން ދިނުމާއި އައު މުވައްޒަފުން ނެގުން ހުއްޓާލުން ހިމެނެއެވެ. އަދި އިތުރުގަޑީގެ މަސައްކަތް ހަނިކުރުމާއި، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތަކާއި ދަތުރުފަތުރުގެ ޚަރަދުތައް ކުޑަކުރުން ވެސް ހިމެނެއެވެ.

މިނިސްޓަރު ޒަމީރުގެ ސިޓީގައި ވަނީ ކުންފުނިތަކުގެ އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކޮށް، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއަޅުއްވާފައެވެ.

"މި އިރުޝާދުތަކުގެ ދަށުން، ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށާއި ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ވަނީ އަންގާފައި،" ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން، ވަޒީފާއަށް މީހުން އައްޔަންކުރުމުގައި ތައުލީމީ ފެންވަރާއި ހުނަރަށް ބަލައިގެން މީހުން ހޮވާ "މެރިޓް ބޭސްޑް" އުސޫލު މިހާރަށްވުރެ ހަރުދަނާކުރުމަށް ވެސް މިނިސްޓަރު ވަނީ ޕީސީބީގައި އެދިވަޑައިގެންފައެވެ. މިއީ އެންމެ ގާބިލު ފަރާތްތައް ވަޒީފާއަށް ހޮވައި، ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ނިންމި ނިންމުމެއް ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު