ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ
ދިވެހި ސިފައިންނާއި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އުމުރުން 75 އަހަރުގައި އަބްދުއްޝަކޫރު ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އިންޑިއާގެ ބެންގަލޫރުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ މިއަދު ހެނދުނު ރާއްޖެ ގަޑިން 10:15 އެހާއިރުއެވެ.

އެކަމާގުޅިގެން މީސްޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ޢަބްދުއްޝަކޫރު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. ރައީސް ވަނީ ޢަބްދުއްޝަކޫރަކީ މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި، ތަޖުރިބާކާރު އަދި އިޚުލާޞްތެރި ދިވެހި ދަރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޚާއްޞަގޮތެއްގައި، 1988 ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ރާއްޖެ ދިފާޢުކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ލަޝްކަރުގައި އޭނާ ހިމެނިވަޑައިގެންނެވިކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ކުރެވުނު މަސައްކަތްތަކުގައި ޢަބްދުއްޝަކޫރު އަދާކުރެއްވި އިސް ދައުރަށް ރައީސް ތަޢުރީފުކުރެއްވިއެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.

ޢަބްދުއްޝަކޫރު ޢަބްދުﷲގެ ޚިދުމަތުގެ ދިގު ރަސްތާ ފެށުނީ 30 ޑިސެންބަރު 1965 ގައެވެ. އޭނާ ވަނީ ނޭޝަނަލް ސެކިއުރިޓީ ސަރވިސް (އެންއެސްއެސް) ގެ އެކި ރޭންކުތަކުގައި 39 އަހަރަށްވުރެ ދިގު މުއްދަތަކު ޚިދުމަތްކުރައްވާފައެވެ. އޭގެ ތެރޭގައި ސިފައިންގެ މީހެއްގެ ވަޒީފާއިން ފެށިގެން، ލެފްޓިނަންޓް ކާނަލް ކަމުގެ ރޭންކާ ހަމައަށް އޭނާ ވަނީ މަޤާމުތައް ފުރުއްވާފައެވެ. އަދި ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ ކޮމިޝަނަރުކަންވެސް ކުރެއްވިއެވެ.

1 ސެޕްޓެންބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އުފެއްދުމާއެކު، ސީނިއަރ ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމަށް އޭނާ ބަދަލުކުރެވުނެވެ. ފުލުހުންގެ ޚިދުމަތުގައި އުޅުއްވިއިރު، ޕްރޮމޯޝަން ބޯޑުގެ ޗެއަރމަންކަމާއި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑްކަން ފަދަ މުހިންމު މަޤާމުތައް ފުރުއްވިއެވެ.

43 އަހަރުގެ ދިގު ޚިދުމަތަށްފަހު 4 މާރިޗު 2009 ގައި ރިޓަޔަރ ކުރެއްވި ޢަބްދުއްޝަކޫރުގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ދައުލަތުން ވަނީ 8 ކުލައާއި 8 މެޑެލް އަރުވާފައެވެ. އަދި 2024 ވަނަ އަހަރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާއަށް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރަށްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު