ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތައް އަތުލައިގަތުން މިހާރު އިތުރުކުރެވިފައިވާ ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްތުވާތަކެތީގެ ނެޓްވޯކްތައް ދެނެގަނެ ހުއްޓުވުން ކަމަށާއި، އެކަމުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރިއަށް މަޑުޖެހުމެއް އަންނާނެކަމަށް އިމްރާން ވިދާޅުވިއެވެ.

އަދި މިހާރު ރާއްޖެއަށް އެތެރެކުރެވޭ ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި، އޭގެ ބޮޑެތި ނެޓްވޯކްތައް ބައިނަލްއަލްއަޤްވާމީ އެޖެންސީތަކާއި ރާއްޖޭގެ އެތެރޭގެ މަޢުލޫމާތުތައް ބޭނުންކޮށްގެން ފުލުހުން އަތުލައިގަންނަމުންދާ ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރީގެ ގިނަ ހަރަކާތްތައްވެސް ދެނެގަތުމުގެ ޤާބިލްކަން ފުލުހުންގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުކުރެވިފައިވާއިރު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ދެނެގަތުމުގައިވެސް ފުލުހުން ކުރިއެރުންތަކެއް ހޯދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ބޭރުން އެތެރެކުރާ ޝިޕްމަންޓްތައް އަތުލައިގަތުން އެއީ އަޅުގަނޑުހިތުން ފުލުހުންގެ މަސައްކަތަށް ހޯދިފައިވާ ވަރަށް ބޮޑު ކުރިއެރުމެއް. އިންޓަރނޭޝަނަލް އޭޖެންސީތަކާއި އަދި ރާއްޖޭގެ އެތެރޭގެ މަޢުލޫމާތުތައް ދެނެގަނެ ނެޓްވޯކްތައް ދެނެގަނެ އެމީހުންކުރާ ބޮޑެތި ހަރަކާތްތައް ދެނެގަތުމުގެ ގާބިލިއްޔަތުކަން ފުލުހުންނަށް އިތުރުކުރެވިފައިވާ މިންވަރު ވަރަށް ބޮޑަށް ހާމަކޮށްދޭކަމެއް. އެއީ މިކަހަލަ ބޮޑެތި ޝިޕްމަންޓްތައް އަތުލައިިގަނެވި އެތަކެތީގައި އިންވޯލްވާ ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން." މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި، މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު 2011 ވަނަ އަހަރު އައިފަހުން އެޤާނޫނުން ލާޒިމްކުރާ ގިނަ ކަންތައްތަކެއް ނުކުރެވި ހުރުމުން އެކަންކަން މިސަރުކާރުން ކުރަމުން އަންނަކަމަށެވެ. ޚާއްޞަކޮށް ޑްރަގް ރިމާންޑް ސެންޓަރެއް މިހާތަނަށް ޤާއިމްކުރެވިފައި ނެތްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެސެންޓަރު ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަަމަށެވެ. އަދި އެކަމުގެ ސަބަބުން އޭގެ ހެޔޮ އަސަރު މުޖުތަމައުގެ ތެރެއިން ފެނިގެންދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް ޚާއްޞަ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރެއް ޤާއިމްކުރުމަށް 2011 ވަނަ އަހަރު އެކުލަވާލައި އަމަަލުކުރަމުން އަންނަ މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގައި ވަނީ ލާޒިމްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން