އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ކުރިއަށްގެންދާ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ 81 ވަނަ ބުރުގައި، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ 70 އަށް ވުރެ ގިނަ ތަނަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ.

ބުދަ ދުވަހު އައިއާރްޖީސީގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތަކުގައި އަމާޒަށް ވާސިލްވުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ "އިމާދު"، "ގިޔާމް"، "ޚުއްރަމްޝަހަރު-4" އަދި "ގަދަރު" މަރުކާގެ މިސައިލްތައް ބޭނުންކޮށްފައިވާ ކަމަށެވެ. މި މިސައިލްތައް ހައިފާ، ޑިމޯނާ، އަލް-ޚުދްރިއްޔާގެ އިތުރުން ތެލް އަވީވްގެ އުތުރާއި ދެކުނުގެ އެކި ސަރަހައްދުތަކުގައި ހުރި އަމާޒުތަކަށް ކާމިޔާބުކަމާއެކު އަރާފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

އައިއާރްޖީސީން ހަވާލާދޭ ޖާސޫސީ މައުލޫމާތުތަކަށް ބަލާއިރު، އީރާނުން ދިން ބާރުގަދަ ތިން ހަމަލާއަށްފަހު އިޒްރޭލަށް ލިބުނު ގެއްލުންތަކާއި މަރުވި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ބަޔާނުގައިވާ ގޮތުން މިހާތަނަށް މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު ވަނީ 2،500 އަށް ވުރެ މައްޗަށް އަރާފައެވެ.

އައިއާރްޖީސީން ބުނީ އީރާނުގެ އަސްކަރިއްޔާ ތެދުވެފައިވަނީ "ގައުމެއްގެ ސިފައިގައި" ކަމަށާއި، ލޯބިވާ އީރާނުގެ ދިފާއުގައި މުޅި ގައުމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

މީގެ އިތުރުން، އައިއާރްޖީސީން ވަނީ އެމެރިކާގެ ރައްޔިތުންނަށް ސީދާ ގޮތެއްގައި މުޚާތަބުކޮށް، ޓްރަމްޕާއި ނަތަންޔާހޫ ފަދަ ހަނގުރާމައަށް ފެންބޮވައިގެންފައިވާ ފަރާތްތަކުން ފަތުރަމުންދާ ދޮގު މައުލޫމާތުތަކަށް އިންޒާރު ދީފައެވެ.

ހަނގުރާމައިގެ ހަގީގަތް އެމެރިކާގެ ފިއުލް ސްޓޭޝަންތަކުންނާއި، އިޒްރޭލުގެ މުހިންމު ސިޓީތަކުގެ އުޑުމަތިން ފެންނަން އޮތް ކަމަށް ބަޔާންކޮށް، ކުރިއަށް އޮތް ތަނުގައި މިކަމުގެ ހަގީގަތްތައް އިތުރަށް ހާމަކުރާނެ ކަމަށް ވަނީ ވައުދުވެފައެވެ. އަދި އީރާނުގެ ކަނޑުގެ ސަރަހައްދަށް އަރައިގަންނަ ކޮންމެ ބަޔަކު ނެތިކޮށްލާނެ ކަމުގެ އިންޒާރު ދެމުން، ތެލް އަވީވް އާއި ހައިފާ ބިމާ ހަމަކޮށްލާނެ ކަމަށް ބުނެ ވަރުގަދަ އިންޒާރަކުން ބަޔާން ވަނީ ނިންމާލާފައެވެ.

"އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ މި ހަމަލާތައް ދީފައިވަނީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަނގުރާމައަށް 26 ދުވަސް ވެފައިވަނިކޮށެވެ. އީރާނުގެ ރޫހާނީ މީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އިސް ކޮމާންޑަރުންތަކެއް ޝަހީދުކޮށްލުމަށް ފެބްރުއަރީ 28 ގައި ދިން ހަމަލާތަކަށްފަހު، އީރާނުން ދަނީ އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް މެދުނުކެނޑި ހަމަލާ ދެމުންނެވެ.

ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް 700 އަށް ވުރެ ގިނަ މިސައިލާއި 3,600 އަށް ވުރެ ގިނަ ޑްރޯން ފޮނުވާލާފައިވާއިރު، އީރާނުގެ ދިފާއީ ނިޒާމުން ދުޝްމަނުންގެ 200 އަށް ވުރެ ގިނަ އުޅަނދު، އޭގެ ތެރޭގައި ކްރޫޒް މިސައިލާއި ޒަމާނީ ފައިޓަރ ޖެޓްތައް ހިމެނޭހެން ހަލާކުކޮށްލާފައިވާ ކަމަށް އައިއާރްޖީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު