އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ)
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ)
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ރެފަރެންޑަމް ވޯޓަކީ އޭގެ އަސްލު އޮޅުވާލައިގެން ނަގާ ވޯޓެއް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން ޝިއްޕެ ވިދާޅުވީ، ވޯޓު ކަރުދާހުގައި ދެ އިންތިޚާބު އެއްކޮށްލުމުގެ ވާހަކަ ނެތް ކަމަށާއި، އޭގެ ބަދަލުގައި އޮތީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގު ކުރުމާ މެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުން ކަމަށެވެ. މިއީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކުރިއަށްގެންދާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ޝިއްޕެ ވިދާޅުވީ، މި ވޯޓުގެ ސަބަބުން ރާއްޖެ އަނބުރާ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ގޮސް، ގައުމުގެ ހާލަތު ނުރައްކާތެރި ފައްތަރަކަށް ވެއްޓިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އޭގެއިތުރުން ގައުމުގެ އިގްތިސާދީ ހާލަތަށް އަލިއަޅުއްވާ ލައްވަމުން ޝިއްޕެ ވިދާޅުވީ، ފައިސާ ނެތް ކަމަށް ބުނެ ސަރުކާރުން މަޝްރޫއުތައް ހުއްޓާލާފައިވާއިރު، ދައުލަތުގެ ޕޭރޯލް އިންތިހާއަށް ބޮޑުވަމުންދާ ކަމަށެވެ. އެހެންކަމުން، ގައުމު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ވޯޓު ކަރުދާހުގައި "ނޫނެކޭ" ޖެހުމަށް ޝިއްޕެ ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

ޝިއްޕެ މިހެން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒު ނެރުއްވި ގަރާރަކުން، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު މި ރެފަރެންޑަމް ވޯޓު ނެގުމަށް އީސީން މިހާރު ވަނީ ތާވަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު