ރައީސް ޑޮނަލްޑް ޓްރަމްޕް
ރައީސް ޑޮނަލްޑް ޓްރަމްޕް
އީރާނުގެ އާ ސުޕްރީމް ލީޑަރަކަށްވުމުގެ ފުރުސަތު އެ ގައުމުން އޭނާއަށް ހުށަހެޅި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ރިޕަބްލިކަން ޕާޓީގެ ފަންޑް ރެއިޒިން އިވެންޓެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ ލީޑާޝިޕުން ނުރަސްމީ ސިފައެއްގައި މި ހުށަހެޅުން އޭނާއަށް ހުށަހެޅި ނަމަވެސް، އެކަމަށް އިންކާރު ކުރަށްވާފައިވާނެ ކަމަށެވެ. ޓްރަމްޕް މިފަދަ ދައުވާއެއް ކުރެއްވި ނަމަވެސް، މިއީ ހަގީގަތެއް އެކުލެވޭ ވާހަކައެއް ކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާއިން ދިން ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަ ކޮށްލައިފައެވެ.

އެއަށްފަހު އީރާނުގެ އާ ރޫހާނީ ލީޑަރަކަށް މިހާރު ހޮއްވަވާފައި ވަނީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ ޚާމަނާއީއެވެ. މިފަދަ ޚައްސާސް ދަނޑިވަޅެއްގައި ޓްރަމްޕް މިފަދަ ވާހަކައެއް ދެއްކެވުމުން ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ.

ހަމައެއާއެކު ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނާއެކު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އީރާނުން ދަނީ މި ވާހަކަތައް ސިލްސިލާކޮށް ދޮގުކުރަމުންނެވެ.

އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނުން އެމެރިކާއާއެކު އެއްވެސް ސީދާ މަޝްވަރާއެއްގައި ބައިވެރިވަމުން ނުދާ ކަމަށެވެ. މިއާއެކު ޓްރަމްޕްގެ ވާހަކަތަކާއި އީރާނުގެ ރަސްމީ ބަސްމަގާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ވަނީ ހާމަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު