އިސްމާއިލް ޒަރިޔަންދު
އިސްމާއިލް ޒަރިޔަންދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އޮޅުވާލުމާއި މަކަރުގެ ތެރެއިން ކަމަށާއި، މިހާރުވެސް އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ މަކަރުވެރި ރޭވުންތަކެއްގެ ތެރެއިން ވެރިކަމުގައި ދެމިހުންނެވުމަށް ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިހެން ވިދާޅުވީ، އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ސަރުކާރުން ތައްޔާރުވަމުންދާ ރިފަރަންޑަމް ވޯޓާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފް އިން ބޭއްވި "ޗަގޯސް" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ރައީސް މުއިއްޒުގެ އަމާޒަކީ އާންމު ރައްޔިތުން "ކަސްތޮޅު" އަޅުވައި، ރާއްޖޭގެ އިގްތިސޯދީ ހުރިހާ ދޮރުތަކެއް ބަންދުކޮށްގެން އެމަނިކުފާނުގެ ވެރިކަން ދިގު މުއްދަތަކަށް ދެމެހެއްޓުން ކަމަށެވެ.

މިހާރު ހުށަހެޅިފައިވާ ރިފަރަންޑަމްއަކީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ތެރެއިން ވަރަށް ބޮޑަށް ރޭވިގެން، ރައްޔިތުންގެ ކޮންޓްރޯލް ހޯދުމަށް ނުބައި ދަނޑވަޅެއްގައި ކުރިއަށްގެންދާ ކަމެއްގެ ގޮތުގައި ޒަރިޔަންދު ސިފަކުރެއްވިއެވެ.

މި ވޯޓުގައި "އާނއެކޭ" ނުވަތަ "ނޫނެކޭ" ބުނި ކަމުގައިވިޔަސް، އޭގެ އަޑީގައި އޮތް ނިޔަތް ސާފުނޫން ކަމަށާއި، ރައީސް މުއިއްޒު ބޭނުންފުޅުވަނީ ރާއްޖޭގައި "ރަސްކަލެއް" ފަދައިން ވެރިކަން ކުރައްވަން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޒަރިޔަންދު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ކުރައްވާ ހުރިހާ ކަމެއް ބިނާވެފައިވަނީ ރައްޔިތުންގެ "ބޮލަށް ޗިޕު ޖަހައިގެން" އޮޅުވާލުމުގެ މައްޗަށް ކަމަށެވެ.

އެހެންކަމުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ފެނޭތޯ އަހާ ރިފަރަންޑަމްގައި ސަރުކާރުގެ މުވައްޒަފުންވެސް "ނޫނެކޭ" ބުނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު