ހުޅުމާލެ
ހުޅުމާލެ
ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކަށް އަރައި، އެ ދޯނީގެ ކެޕްޓަނަށް ހަމަލާދިން މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގެ ޝަރީޢަތް ނިމުނު ރިޕޯޓްގައިވާ ގޮތުން، މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދުވަހެއްގެ މެންދުރު ފަހުގެ ވަގުތެއްގައި، ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކަށް އަރައި، އެ ދޯނީގެ ކެޕްޓަންކަން ކުރާ ގދ. ގައްދޫ މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެކެވެ. މި މައްސަލައިގައި ދައުލަތުން އަނިޔާއެއް ދިނުމުގެ ދައުވާ އުފުލާފައިވަނީ މއ. ޖަންބުގަސްދޮށުގެ އިބްރާހީމް ފާރިސްގެ މައްޗަށެވެ.

ފާރިސް ދިން ހަމަލާތަކުގެ ސަބަބުން ދޯނީގެ ކެޕްޓަންގެ މޫނުމަތިން ދެ ތަނެއް ފަޅައިގެން ގޮސް އަނިޔާވެފައިވެއެވެ. މިއީ ފާރިސް އެތައް ފަހަރަކު ކެޕްޓަނަށް ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކެއް ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި ޤާޟީ އަލީ ނަދީމް، ފާރިސްގެ މައްޗަށް އިއްވާފައިވަނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، އެ ހުކުމުގެ ތެރެއިން އެއް ދުވަސް ފިޔަވައި ބާކީ އޮތް މުއްދަތު ވަނީ 7،000 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްދީފައެވެ. އަދި ހުކުމުގެ ބާކީ އޮތް އެއް ދުވަހަކީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ފާރިސް ބަންދުގައި ހުރި ދުވަސްތަކެއް ކަމަށްވާތީ، އެ ދުވަސް އުނިކުރުމުން އޭނާ މިހާރު ތަންފީޒުކުރަންޖެހޭ ޖަލު އަދަބެއް ނެތެވެ.

ކޯޓުން ހުކުމްކޮށްފައިވަނީ ޖޫރިމަނާގެ ފައިސާ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު