ކިންގްސްޓަން ޝޯރޫމް
ކިންގްސްޓަން ޝޯރޫމް
ސައިކަލު ވިއްކުމުގެ ނަމުގައި އާންމުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލި ކިންސްޓަން މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައަކީ 2023 ނޮވެމްބަރު މަހުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސްއިން ހިންގަމުންދިޔަ އަމަލުތަކަކާ ގުޅިގެން، 2024 އޯގަސްޓް 8 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.

ފުލުހުން ބުނީ، މި މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، އެ ކުންފުނީގެ ވެރިޔާ، ދ. ބަނޑިދޫ، ޕޯލާގްރޭސް، އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށް ކަމަށެވެ.

ފުލުހުން މީގެކުރިން ބުނެފައިވަނީ، ކިންގްސްޓަން ހޯލްޑިންގްސްއިން ސައިކަލު ވިއްކާނެ ކަމަށް ބުނެ އާންމުންގެ އަތުން 7 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ނަގާފައިވަނީ އެއްވެސް ޚިދުމަތެއް ނުދީ މަކަރު ހެދުމުގެ ނިޔަތުގައި ކަމަށެވެ. އަދި މި މައްސަލާގައި ޖުމްލަ 158 ފަރާތަކަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން، ސައިކަލު ޕޭމަންޓުގެ ގޮތުގައި އެކި މީހުންގެ އަތުން 7،193،764.00 (ހަތް މިލިއަން އެއްލައްކަ ނުވަދިހަ ތިންހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރު) ރުފިޔާގެ އިތުރުން 8،398.18 ޑޮލަރު ނަގާފައިވާކަން ފުލުހުންގެ ތަހުގީގަށް ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މި މަހުގެ ތިންވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު