ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލައިގެން ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތަކީ އިންތިޚާބުތައް "ވަގަށް ނެގުން" ކަމަށާއި، އެކަމަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލުމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ރައްޔިތުންނަށް މުޅިން ގެއްލިގެންދާނެ ކަމަށެވެ. މިއީ ޤާނޫނުއަސާސީގެ އަސާސްތަކާ ގުޅިފައިވާ ބޮޑު ކަމަކަށް ވާއިރު، މިފަދަ ބަދަލެއް ގެންނަންވާނީ ވަރަށް ފުންކޮށް ދިރާސާކުރުމަށްފަހު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި، އެއްވެސް އިރެއްގައި ދެ އިންތިޚާބު އެކުގައި ބޭއްވުމަކީ ޤާނޫނުއަސާސީގައި އޮތް ކަމެއް ނޫނެވެ. އަދި އެކަމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއްވެސް މީގެ ކުރިން ކުރެވިފައިނުވާކަން ރައީސް ސާލިޙް ފާހަގަކުރެއްވިއެވެެ. އެމަނިކުފާނު ވިދާޅުވީ އަބަދުވެސް ރިޔާސީ އިންތިޚާބު ބާއްވަނީ ވަކިން ކަމަށާއި، މައި ދެ އިންތިޚާބު އެއްކުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި އެމްޑީޕީން ނުގެންގުޅޭ ކަމަށެވެ.

"ދެ އިންތިޚާބު އެކުގައި ބާއްވައިފިނަމަ، ސަރުކާރާ ރައްޔިތުންނާ ދޭތެރޭ އޮންނަ ޖަވާބުދާރީ ކުރުމުގެ ފުރުސަތު ހަމަ މުޅިން ގެއްލިގެންދާނެ. ހަމަ އެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ ކައިރިއަށް އަންނަން ޖެހޭ އެއްވެސް ސަބަބެއް ވެރިއަކަށް ނޯވޭ. އެއީ މީގައި އޮތް އެންމެ ބިރުވެރި ކަންތައް،" ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، ޤާނޫނުއަސާސީ ހެދިއިރުވެސް ދެ އިންތިޚާބު އެއްކުރުމުގެ ވިސްނުން ބަޔަކު ގެންގުޅުނު ނަމަވެސް، އިންތިޚާބުތައް ވަކިން ބާއްވަން ނިންމީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހު ކަމަށެވެ. އެގޮތަށް ނިންމީ ވެރިކަމަށް ރައީސަކު ހޮވުމަށްފަހު، ރައްޔިތުންގެ މަންދޫބުން ހިމެނޭ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު ރައްޔިތުންނަށް ދިނުމަށްޓަކައިކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

މިހާރު ޤާނޫނުއަސާސީއަށް ގެންނަން އުޅޭ ބަދަލުތަކަށް ފާޑުވިދާޅުވަމުން ޞާލިޙް ތުހުމަތުކުރެއްވި ގޮތުގައި، ޤާނޫނުއަސާސީގެ "ފަހަރަކު ތަނަކާ ކުޅެމުން ގޮސް" މިހާރު ޤާނޫނުއަސާސީ އޮތީ ވަރަށް ބޮޑު އޮޅުންބޮޅުމެއްގެ ތެރޭގައެވެ. އެހެންކަމުން، ޤާނޫނުއަސާސީއަށް ބަދަލެއް ގެންނަނަމަ މިހާރަށް ވުރެ ފުޅާކޮށް ބަހުސްކޮށް ދިރާސާކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅު ނިންމަވާލެއްވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ކުރާ މަސައްކަތަށް "ނޫނެކޭ" ބުނުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު