ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރާ ކަންތައްތަކެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އިންތިޚާބުތައް ގިނަވީމާ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ކަމަށް ބުނެ އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަކީ އިންތިޚާބުތަކާ ދިމާކޮށް ފައިސާ ބެހުމުގެ ނުބައި ސަގާފަތަށް ހިތްވަރުދޭ ވާހަކަތަކެއް ކަމަށެވެ. މިއީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދެ އިންތިޚާބު އެއްކޮށްލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާކުރިންވެސް އިސްލާހީ އެޖެންޑާގެ ދަށުން ހުށަހަޅުއްވާފައިވާ ކަމެކެވެ.

އަދި އެ ދުވަސްވަރު އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންވެސް އެއީ ރަނގަޅު ނިންމުމެއް ކަމަށް ބުނެ ތާއީދުކުރެއްވި ނަމަވެސް، މިއަދު އެ ބޭފުޅުންގެ ރާގު މުޅިން ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުތައް ވަކިވަކިން ބާއްވައިގެން ގައުމުގެ އިގްތިސާދަށް ލިބޭ ގެއްލުމަށްވުރެ، ސިޔާސީ މަންފާ އިސްކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން، ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން މަސައްކަތްތައް އެއްފަރާތްކޮށް، އެމްޑީޕީން މިހާރު މުޅި ހަކަތަ ހުސްކުރަނީ ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅަށް ކަމަށް ފަލާހު ތުހުމަތު ކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މި މަސައްކަތް ކުރަނީ ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ފާސްވެދާނެތީ އެކަމާ ބިރުންނެވެ. މި ޖަލްސާގައި ފަލާހު ވަނީ ސަރުކާރުން ކުރިއަށްގެންދާ އިސްލާހީ ބަދަލުތަކަށް އެއްބާރުލުން ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު