މަރްޔަމް ނަހްދާ ވަޙީދު   4 އޭޕްރީލު 2026 - 11:48
ކައުންސިލް އިންތިހާބުގައި ކުރީގެ ރައީސް ނަޝީދު ވޯޓުލެއްވުން- ފޮޓޯ: ދަ ޕްރެސް
ކައުންސިލް އިންތިހާބުގައި ކުރީގެ ރައީސް ނަޝީދު ވޯޓުލެއްވުން- ފޮޓޯ: ދަ ޕްރެސް
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު، އަދި ނިޒާމީ ބަދަލާ ގުޅޭ ރެފަރަންޑަމްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފިއެވެ.

ރައީސް ނަޝީދު ވޯޓުލައްވާފައި ވަނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.

ވޯޓުލެއްވުމަށްފަހު މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ވޯޓުލުމުގެ ކަންކަން އިންތިޒާމުވެފައިވާ ގޮތާއި ކުރިއަށްދާ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދިޔަ ކެމްޕެއިން ހަރަކާތްތަކަކީ ވަރަށް ސުލްހަވެރި އަދި އެހާމެ ޖޯޝުން ފުރިގެންވީ ހަރަކާތްތަކެކެވެ. އަދި ވޯޓުލުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ މަސްއޫލިއްޔަތެއްގެ އިތުރުން ގައުމީ ވާޖިބެއްކަން ފާހަގަކުރައްވައި، ވީހާވެސް ގިނަ ރައްޔިތުން ނުކުމެ ވޯޓުލުމުގެ ހައްގު އަދާކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މިއަދުގެ މި އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތެއް ނިންމުމަށް ނަގާ ރެފަރަންޑަމް ވޯޓެއްވެސް ހިމެނޭ ވަރަށް މުހިންމު އިންތިޚާބެކެވެ.

އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްދާނެއެވެ. އެކި ދާއިރާތަކުން ގިނަ އަދަދެއްގެ ކެންޑިޑޭޓުން މި އިންތިޚާބުގައި ވާދަކުރައްވާއިރު، އިލެކްޝަންސް ކޮމިޝަނުން ދަނީ ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު