ތިން ވޯޓު ކަރުދާސްތައް އަޅަންވީ ކޮން ފޮއްޓަކަށްކަން އޮޅުން ފިލާނެ ފަދަ ނިޒާމެއް ނެތް
ތިން ވޯޓު ކަރުދާސްތައް އަޅަންވީ ކޮން ފޮއްޓަކަށްކަން އޮޅުން ފިލާނެ ފަދަ ނިޒާމެއް ނެތް
މިއަދު ކުރިއަށްދާ އިންތިހާބުތަކުގައި ވޯޓުލުމުގެ ކަންކަން އީސީން އިންތިޒާމު ކޮށްފައިވާ ގޮތުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަމާޒުވެއްޖެއެވެ. އެއްފަހަރާ ތިން އިންތިހާބެއް މިއަދު ކުރިއަށްދާއިރު، ވޯޓު ކަރުދާސްތައް އަޅަންވީ ކޮން ފޮއްޓަކަށްކަން އޮޅުން ފިލާނެ ފަދަ ނިޒާމެއް އީސީން ގާއިމުކޮށްފައި ނެތުމުން ވޯޓުލާންދާ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އާންމުން ދަނީ ބުނަމުންނެވެ.

ވަކިން ހާއްސަކޮށް، ތިން ކަމަކަށް ވޯޓުލާއިރު ކަރުދާސްތައް ތަފާތު ކުލަތަކުން ވަކިކުރެވޭ ގޮތަށް ނެތުމާއި، ވޯޓު ފޮށިތަކުންވެސް އެއީ ކޮން އިންތިހާބެއްގެ ފޮއްޓެއްކަން ފަސޭހައިން ދެނެގަނެވޭނެ އިންތިޒާމެއް ނެތުމުން އާންމުން ތިބީ ވާނުވާ ނޭނގޭ ހާލަތެއްގައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ މެމްބަރުންނަކީ މިފަދަ ބޮޑު ކަމެއް އިންތިޒާމު ކުރުމުގެ ގާބިލްކަން ނެތް ބައެއް ކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި ބޭއްވި އިންތިޚާބުތަކުގައި ވޯޓު ފޮށިތައް މޭޒުމަތީގައި ބަހައްޓާފައި ހުރުމުގެ ސަބަބުން އެ ފޮށްޓަކީ ކޮންކަމަކަށް ބަހައްޓާފައިވާ ފޮއްޓެއްކަން ދެނެގަތުމުގައި އާއްމުންނަށް މާބޮޑު ތަކްލީފެއް އުފުލަން ޖެހިފައެއް ނުވެއެވެ. މިފަހަރުގެ އިންތިޒާމުތަކާމެދު އައްޑޫ ސިޓީގެ މޭޔަރު ނިޒާރު ވިދާޅުވީ މިއީ "ވަރަށް ޒިންމާދާރުކަން ކުޑަކޮށް އީސީން އިންތިޒާމް ކުރި އިންތިޚާބެއް" ކަމަށާއި، މިއީ "ފަހަތަށް އެޅި ފިޔަވަޅެއް" ކަމަށެވެ. އޭގެ އިތުރުން މިއީ ޢާއްމުންނަށް ވަރަށްބޮޑު "ބޭއިންސާފެއް" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަށް އޮތް އެންމެ ފަސޭހަ ހައްލަކީ ވޯޓު ކަރުދާހާއި ވޯޓު ފޮށީގެ ކުލަ އެއްގޮތް ކުރުމެވެ. ތިން ސުވާލަކަށް ނުވަތަ ތިން ދާއިރާއަކަށް ވޯޓުލާން ތިން ކަރުދާސް ދޫކުރާއިރު، އެ ތިން ކަރުދާހަކީ ތަފާތު ތިން ކުލައެއްގެ ކަރުދާހަށް ވާންޖެހެއެވެ. ހަމައެއާއެކު، ވޯޓު އަޅަން ބަހައްޓާފައި ހުންނަ ފޮށިތަކުގައި ވެސް އެ ކަރުދާސްތަކާ ދިމާވާ ގޮތަށް ކުލައިގެ ލޭބަލް ޖަހާފައި ހުންނަންވާނެއެވެ.

މިސާލަކަށް ރަތް ކުލައިގެ ކަރުދާސް އަޅަންވީ ރަތް ލޭބަލް ޖެހި ފޮއްޓަށް ކަމަށް ހަމަޖެހިފައި އޮތުމަކީ، ވޯޓުލާ މީހާ އޮޅުންބޮޅުމެއްގެ ތެރެއަށް ނުގޮސް، ފަސޭހަކަމާއެކު ވޯޓުލައި ނިންމާލެވޭނެ ކަމެކެވެ.

މިފަހަރުގެ އިންތިޚާބުތަކުގައި ފާހަގަވި އަނެއް ކަމަކީ ވޯޓު ފޮށިތައް ބިންމަތީގައި ބެހެއްޓުމެވެ. މިއީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަރަށް ރަނގަޅަށް އިންތިޒާމު ކުރަމުން އައި ކަމެކެވެ. ނަމަވެސް، ފޮށިތައް ބިންމަތީގައި ބެހެއްޓުމުން ވޯޓުލާ މީހާއަށް ފޮށީގެ ލޭބަލްތައް ބަލަން އުނދަގޫވެ، އޮޅުން އެރުމުގެ ފުރުސަތު ބޮޑުވެއެވެ. ވޯޓުލާ މީހާގެ ކުރިމަތީގައި، ފަސޭހައިން ފެންނާނެ އުސްމިނެއްގައި ފޮށިތައް ހުރުމަކީ އާންމުން ވާނުވާގައި ތިބެންޖެހޭ ޖެހުން ހުއްޓުވުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ވޯޓުލާ މަރުކަޒުތަކަށް ދާ މީހުން ކަރުދާސްކޮޅު ހިފައިގެން ފޮށިތައް ކުރިމަތީގައި މަޑުކޮށްގެން، ވޯޓު އަޅަންވީ ފޮއްޓެއް ނޭނގި ހައިރާންވެފައި ތިބެންޖެހުމަކީ މީގެ ކުރިން ރާއްޖޭގައި ބޭއްވި އިންތިހާބުތަކުގައި ފެނިފައިވާ މަންޒަރެއް ނޫނެވެ. މީގެ ކުރިން ސްކޫލްތަކާއި އޮފީސް އިމާރާތްތަކުގައި ވޯޓުލުން ކުރިއަށްދާއިރު ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ފެނިގެންދިޔަ ނަމަވެސް، މިއަދުގެ މަންޒަރު މުޅިން ތަފާތެވެ.

އިންތިޚާބީ އިންތިޒާމުތަކުގެ ވާހަކަ ދައްކާއިރު، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވުމަކީ ވެސް މުހިންމު ކަމެކެވެ. ވޯޓުލުން ކުރިއަށްދާ ވަގުތު، ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ މަންޒަރު ފެންނަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އިލެކްޝަންސް ކޮމިޝަންގެ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާކޮށް، މިފަދަ ނޭދެވޭ އަމަލުތަކުން އިންތިޚާބު ސަލާމަތްކުރަން ޖެހެއެވެ.

އިންތިޚާބެއްގެ އެންމެ މުހިންމު ބައިވެރިންނަކީ އާންމު ރައްޔިތުން ކަމަށްވާއިރު، އެ ރައްޔިތުންނަށް އެއްވެސް އޮޅުމެއް ނެތް ގޮތަކަށް ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖެހިފައި އޮތުމަކީ ޑިމޮކްރަސީގެ އަސާސެކެވެ. ކުލައިގެ ތަފާތުން ފޮށިތައް ފާހަގަކުރުމާއި، ފޮށި ބަހައްޓާ ތަނަށް ބަދަލު ގެނައުމަކީ އިލެކްޝަންސް ކޮމިޝަނުން މިހާރުން މިހާރަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކެކެވެ.

ހަމައެއާއެކު ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު އަދާކުރުމުގައި މިހާ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ވޯޓުލާ މަރުކަޒުތަކުގައި ތިބި އާންމުން ދަނީ ކޮމިޝަނުގެ އިހުމާލުން ވޯޓުލުމުގެ މަރުހަލާ ލަސްވެ، ނުތަނަވަސްކަން އުފެދެމުންދާ ކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު