އީރާނުގެ ބޫޝެހެރު ނިއުކްލިއާ ޕްލާންޓް ހިމެނޭހެން އެ ގައުމުގެ އިންފްރާސްޓްރަކްޗަރަށް އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އިންޒާރު ދެއްވައިފިއެވެ.

އދ. އަށް ފޮނުއްވި ސިޓީއެއްގައި އަރަގްޗީ ވިދާޅުވީ، މިފަދަ އަސްކަރީ ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދަށް ނުރައްކާތެރި ރޭޑިއޭޝަން ފެތުރުމުގެ ބިރު އެބައޮތް ކަމަށެވެ. މީގެ ސަބަބުން އިންސާނުންނަށާއި ތިމާވެއްޓަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ސިޓީގެ މައުލޫމާތު ވަނީ ޓެލެގްރާމް މެދުވެރިކޮށް އާންމުކޮށްފައެވެ.

"ބޫޝެހެރު ނިއުކްލިއާ ޕްލާންޓް ހުރި ސަރަހައްދާ ކައިރިއަށް ތަކުރާރުކޮށް ދެމުންދާ ހަމަލާތަކަކީ ނުހަނު ބޮޑު ކަންބޮޑުވުމެއް،" އަރަގްޗީ ވިދާޅުވިއެވެ. އަދި ނިއުކްލިއާ މަރުކަޒަކާ އެހާ ކައިރިއަށް ހަމަލާ ދިނުމަކީ ކެތްކުރެވޭނެ ކަމެއް ނޫން ކަމަށާއި، އޭގެ ސަބަބުން ރޭޑިއޯލޮޖިކަލް މާއްދާތައް ބޭރުވުމުގެ ސީރިއަސް ނުރައްކަލެއް އެބައޮތް ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އީރާނުގެ ވެރިރަށް ތެހެރާނާ ގާތްގަނޑަކަށް 750 ކިލޯމީޓަރު ދެކުނުގައި ހުންނަ ބޫޝެހެރު ޕްލާންޓަކީ ރަޝިޔާއިން ފޯރުކޮށްދޭ 'ލޯ-އެންރިޗްޑް' ޔޫރޭނިއަމް ބޭނުންކޮށްގެން ގާތްގަނޑަކަށް 1،000 މެގަވޮޓްގެ ކަރަންޓު އުފައްދާ ތަނެކެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އެމެރިކާއާއި އިސްރާއީލުގެ ފައުޖުތަކުން ދަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. މީގެ މައިގަނޑު މަގުސަދަކީ އީރާނުގެ ނިއުކްލި

އާ ޕްރޮގްރާމް ހުއްޓުވުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ބޫޝެހެރު ޕްލާންޓްގެ ފެންސް ކައިރިއަށް ދިން ހަމަލާއެއްގައި ސަލާމަތީ ބާރުގެ މީހަކު މަރުވެފައިވާ ކަމަށް އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ވަނީ ބުނެފައެވެ. މި ހަމަލާގައި ޕްލާންޓްގެ މައި އޮފީސްތަކަށް ގެއްލުމެއް ނުވި ނަމަވެސް، އެހީތެރި އިމާރާތަކަށް ގެއްލުން ވެފައިވެއެވެ. ނަމަވެސް، ކަރަންޓު އުފެއްދުމުގެ މަސައްކަތަށް އެއްވެސް ބުރޫއެއް އަރާފައި ނުވާ ކަމަށް އީރާނުން ބުނެއެވެ.

މި ހަމަލާތައް ދީފައިވަނީ އީރާނުގެ އިންފްރާސްޓްރަކްޗަރާއި، ފާލަންތަކާއި ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދީފާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައި ވަނިކޮށެވެ. ޓްރަމްޕްގެ "ޓްރުތް ސޯޝަލް" ގައި ލިޔުއްވާފައިވާ ގޮތުގައި، އީރާނުގައި ބާކީ ހުރި ތަންތަން ހަލާކުކުރުމުގެ މަސައްކަތް އެމެރިކާގެ އަސްކަރިއްޔާއިން އަދި ފަށައިގަތީއެވެ.



ކިޔުންތެރިންގެ ހިޔާލު