އީރާންގެ އަސްކަރީ ތަރުޖަމާނު
އީރާންގެ އަސްކަރީ ތަރުޖަމާނު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދެއްވި 48 ގަޑިއިރުގެ އެންމެ ފަހުގެ އިންޒާރަށް (އަލްޓިމޭޓަމް) އީރާނުގެ އަސްކަރިއްޔާއިން ރަސްމީކޮށް ދެކޮޅު ހަދައިފިއެވެ.

ޓްރަމްޕް އިންޒާރު ދެއްވާފައިވަނީ 48 ގަޑިއިރުގެ ތެރޭގައި ސުލްހައިގެ އެއްބަސްވުމަކަށް ނައިސްފިނަމަ ނުވަތަ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާނުލައިފިނަމަ، އީރާނުގެ މުހިންމު އިންފްރާސްޓްރަކްޗާތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ.

މިކަމާ ގުޅިގެން އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑުން ބުނެފައިވަނީ ޓްރަމްޕްގެ މި ވާހަކަތަކަކީ "ނުކުޅެދުންތެރި، ހާސްކަމެއްގެ ތެރޭގައި ހުރެ ދެއްކި، ބުއްދިގަބޫލުނުކުރެވޭ މޮޔަ" ވާހަކަތަކެއް ކަމަށެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި، ކުވެއިތުގެ ޝުވައިޚް ސަރަހައްދުގައި ހުންނަ ތެޔޮ ކުންފުނީގެ މަރުކަޒީ ކޮމްޕްލެކްސްއަށް އީރާނުން ދިން ޑްރޯން ހަމަލާއެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ކުވެއިތު ޕެޓްރޯލިއަމް ކޯޕަރޭޝަން (ކޭޕީސީ) އާއި އެ ގައުމުގެ މިނިސްޓްރީ އޮފް އޮއިލް ހިންގާ މި އިމާރާތަށް ދިން ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މި ހަމަލާގެ ސަބަބުން އިމާރާތަށާއި ބައެއް މުހިންމު ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ކުވެއިތުގެ ރަސްމީ މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މީގެ އިތުރުން، ކުވެއިތުގެ މާލީ ވުޒާރާ ހުންނަ އިމާރާތަށް ވެސް ޑްރޯން ހަމަލާއެއް އަރައި، މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މުޅި ގަލްފް ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެފައިވާއިރު، ޔޫއޭއީ އާއި ބަހްރޭނުގެ ބައެއް މުހިންމު ތަންތަނަށް ވެސް އީރާނުން ހަމަލާތަކެއް އަމާޒުކޮށްފައިވާ ކަމަށް ޚަބަރުތައް ލިބެއެވެ. މި ހަމަލާތަކާ ގުޅިގެން ކުވެއިތުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ދެމުންދާ ހަމަލާތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

މި ހަމަލާތަކަކީ ޓްރަމްޕްގެ އިންޒާރަށް އީރާނުން ދިން ރައްދެއްގެ ގޮތުގައި ބެލެވޭއިރު، މީގެ ކުރިން ޓްރަމްޕް ވަނީ އީރާނުގެ ހަކަތައާ ބެހޭ މަރުކަޒުތަކަށް ހަމަލާ ދިނުން 10 ދުވަހަށް މެދުކަނޑާލާފައިވާ ކަމަށް ވިދާޅުވެފައެވެ. އެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ގަޑިއިރުތަކަކީ މުޅި މެދުއިރުމަތީގެ މަސްރަހަށް ވަރަށް ނާޒުކު ވަގުތުތަކަކަށް ވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު