ޗައިނާގެ ހެނާން ޕްރޮވިންސްގެ ކައިފެންގަށް އުފަން، އުމުރުން 90 އަހަރުގެ ޒަންގް ޒޮންގްޔީގެ ވާހަކައަކީ ކެތްތެރިކަމާއި އަޒުމުގެ ނުހަނު އަސަރުގަދަ މިސާލެކެވެ. އާއިލާގެ ހުރިހާ މެންބަރުން ކުއްލި ގޮތަކަށް ވަކިވެދިޔުމުން ލިބުނު ފުން ހިތާމަތަކުން އަރައިގަތުމަށް އޭނާ ފެށި ދަތުރުގައި، ފާއިތުވި 30 އަހަރު އޭނާ ހޭދަކުރީ ތިން ފުރޮޅުލީ ބައިސްކަލެއްގައި މުޅި ޗައިނާގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމުގައެވެ.

ޒަންގްގެ މި އާދަޔާޚިލާފު ދިރިއުޅުމުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް އައީ ފޫޖިއަން ޕްރޮވިންސްގެ މަގަކުން އޭނާގެ ބައިސްކަލުގައި ދަނިކޮށް، އެހީތެރިކަމަށް ބޭނުންވެފައި ހުއްޓާ ބައި ޒިއޯބައި ނަމަކަށް ކިޔާ މީހަކާ ދިމާވި ހިސާބުންނެވެ. ޒަންގްގެ ހިތްހެޔޮކަމާއި މޫނުމަތިން ފެންނަ އުޖާލާކަމުގެ ފަހަތުގައިވަނީ އިންތިހާ ދަރަޖައިގެ ހިތްދަތި މާޒީއެކެވެ.

1990 ގެ އަހަރުތަކުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ޒަންގްގެ ހަމައެކަނި ފިރިހެން ދަރިފުޅާއި، ޅީދަރިފުޅު އަދި ކުޑަ ކާފަ ދަރިފުޅު ނިޔާވިއެވެ. މި ހިތާމައިގައި ކެތްނުކުރެވިގެން އޭގެ އަހަރެއް ފަހުން އޭނާގެ އަންހެނުންވެސް ވަނީ މިދުނިޔެ ދޫކޮށްފައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި އާއިލާ ގެއްލި، އެކަނިވެރިވުމުން ޒަންގް ނިންމީ އޭނާގެ އުފަން ރަށުގައި ހުރި ހިތްދަތި ހަނދާންތަކާ ދުރަށް ދިއުމަށެވެ.

އޭނާގެ ދަތުރުގައި ޗައިނާގެ އެންމެ ފަރުބަދަަމަތީ ސަރަހައްދުތަކާއި، ސިންޖިއަންގް ފަދަ ހަނަފަސް ސަހަރާތަކާއި، ޝަންހާއީ ފަދަ ތޮއްޖެހިފައިވާ ސިޓީތައް ހިމެނޭހެން ގައުމުގެ ބޮޑު ސަރަހައްދެއް ވަނީ ބަލައިލާފައެވެ. "އަހަރެން މިހާރު މާޒީ ހަނދާން ނައްތާލައިފިން. ބޭނުންވަނީ ދިރިއުޅުމުގެ ބާކީ އޮތް ބައިގައި ގުދުރަތީ ރީތިކަން ބަލައިލުމުގައި ހޭދަކުރަން،" ޒަންގް ބުންޏެވެ.

އުމުރުން ދުވަސްވުމުގެ ސަބަބުން މިހާރު އޭނާގެ ހަނދާން ބަލިވެ، އަމިއްލަ ގޭގެ އެޑްރެސްވެސް ހަނދާނެއް ނެތެވެ. ނަމަވެސް، މަގުތަކުގެ ތަޖުރިބާއިން އޭނާ ދަތުރު ކުރިއަށް ގެންދެއެވެ. ޒަންގްގެ ބައިސްކަލުގައި އެކި ސަބަބުތަކާހުރެ ގެއްލިފައިވާ މީހުން ހޯދުމަށް ޖަހާފައިވާ އިޢުލާންތައް ހަރުކޮށްފައި ހުރެއެވެ. މިއީ އެހެން މީހުންނަށް އެހީތެރިވުމުގެ ގޮތުން އޭނާ ކުރާ ކަމެކެވެ.

ޒަންގްއާ ދިމާވި ބައި ޒިއޯބައި ވަނީ އޭނާއަށް ކާބޯތަކެއްޗާއި މޯބައިލް ފޯނެއް ދީ، ފޯނު ބޭނުންކުރާނެ ގޮތް ދަސްކޮށްދީފައެވެ. އަދި އާންމުންގެ އެހީތެރިކަން އޭނާއަށް ހޯދައިދިނުމަށް "ކައިންޑްނަސް ރިލޭ" އެއްވެސް ފެށިއެވެ. ގިނަ ބަޔަކު އޭނާއަށް ދާއިމީ ހިޔާވަހިކަން ދޭން ހުށަހެޅި ނަމަވެސް، ޒަންގް ބޭނުންވަނީ މިނިވަންކަމާއެކު ދަތުރުމަތީގައި އުޅުމަށެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން، ޒަންގް މިހާރު ގަސްތުކުރަނީ އަލުން އަނބުރާ އޭނާގެ އުފަން ރަށް ކައިފެންގަށް ދިއުމަށެވެ. އެ ރަށުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާ އެނބުރި ދިއުމުން ދައުލަތުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ. ޒަންގްގެ މި ދަތުރަކީ ކިތަންމެ ބޮޑު ހިތާމައެއް ކުރިމަތިވި ނަމަވެސް، ހިތްވަރާއެކު ކުރިއަށް ދެވިދާނެކަން މުޅި ދުނިޔެއަށް ސާބިތުކޮށްދިން އިބުރަތްތެރި ފިލާވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު