މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
އޭޕްރީލް 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުން ސަރުކާރު ހިންގާ ކޯލިޝަނަށް ކުރިމަތިވި ހައިރާންކުރުވަނިވި ނާކާމިޔާބީއާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މީޑިއާގެ އޮޅިގަނޑުން އެއްކޮށް ގެއްލިފައިވުމުން ސިޔާސީ މަސްރަހު ހޫނުވެއްޖެއެވެ.

ސަރުކާރުގެ ދިފާއުގައި އަބަދުވެސް އެންމެ އަޑުގަދަކޮށް ވާހަކަދައްކަވާ، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ކަނާތްޕުޅު" ކަމަށް ބެލެވުނު އަދުރޭ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ހަނދުހިފާފައި ހުންނެވުމަކީ ސަރުކާރުގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް ޖެހިފައިވާ ކަމުގެ ވަރުގަދަ ހެއްކެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަންފަށައިފިއެވެ.

އާންމުގޮތެއްގައި ސަރުކާރަށް ކުރިމަތިވާ ކޮންމެ ސިޔާސީ ގޮންޖެހުމެއްގައި މީޑިއާތަކަށް އަރައި ރައްދުދެއްވާ އަދުރޭ، މިފަހަރުގެ އިންތިޚާބުގެ ނަތީޖާއަށްފަހު އެއްވެސް ޕްލެޓްފޯމަކުން ފެނިފައިނުވާތީ އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބޭގޮތުގައި، ރައީސް މުއިއްޒާއި އަބްދުއްރަހީމާ ދެމެދު އޮތް ގާތް ގުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ.

ސަރުކާރުގެ އެކި އިވެންޓްތަކުންނާއި، ރަސްމީ ބައްދަލުވުންތަކުން އަދުރޭ ނުފެންނަތާ ދުވަސްތަކެއް ވެފައިވާއިރު، މިއީ ހަމައެކަނި އިއްތިފާގެއް ނޫން ކަމަށާއި، މިއީ ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގައި އުފެދިފައިވާ ބާރުގެ ހިލާފެއްގެ ނަތީޖާ ކަމަށް ސިޔާސީ ފަރާތްތަކުން ބުނެއެވެ.

މި ނުތަނަވަސްކަން ބޮޑުވެފައިވަނީ، ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ އޮތް ތާއީދު ކުޑަވަމުންދާކަން ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ހާމަވުމާ ގުޅިގެންނެވެ.

ސަރުކާރުގެ އެތެރޭގެ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، އަދުރޭ މިހާރު ހުންނެވީ ސަރުކާރުގެ ހިންގުމުގެ ދުވެއްޔާއި، ނިންމުންތައް ނިންމުމުގައި އޭނާގެ ދައުރު ކުޑަވަމުންދާތީ ހިތްހަމަނުޖެހިފައެވެ. އަނެއްކޮޅުން، ރައީސް މުއިއްޒުގެ އަރިސް ބައެއް ބޭފުޅުން އަދުރޭގެ ނުފޫޒު ކަނޑުވާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ.

ކައުންސިލް އިންތިޚާބުގެ ނާކާމިޔާބީގެ ޒިންމާ އެކަކު އަނެކަކުގެ ބޮލުގައި އެޅުވުމުގެ ސަގާފަތެއް ސަރުކާރުގެ ތެރޭގައި އުފެދިފައިވާއިރު، އަދުރޭ ފަދަ "ޕޮލިޓިކަލް ހެވީވޭޓް" އެއް އެކަހެރިވެ ހުރުމަކީ ސަރުކާރުގެ ސިޔާސީ ބިންގާ ތެޅެމުންދާ ކަމުގެ ނިޝާނެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ވެސް، ސަރުކާރުގެ ދިފާއުގައި ބަހެއް ވިދާޅުނުވެ ހަނުހުންނެވުމަކީ، ކުރިއަށް އޮތް ތަނުގައި ސަރުކާރައް ބޮޑެތި ލޮޅުންތަކެއް އަރައި، ބަދަލުތަކެއް އަތުވެދާނެ ކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ. މި ހަމޭނުން ހުރުމުގެ ފަހަތުގައި އޮތީ ކުރިއަށް އަންނާން އޮތް ބޮޑު ތޫފާނެއް ކަމަށް ސިޔާސީ މަސްރަހުގެ ތަޖުރިބާކާރުން އިއްތިފާގުވެއެވެ.



ކިޔުންތެރިންގެ ހިޔާލު