މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މައްޗަންގޮޅީގެ އިޖުތިމާޢީ އަދި ކުޅިވަރުގެ ދާއިރާއަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވި ޕީޓްރަލް އަޙްމަދު އާދަމް (ޕީޓްރަލް އަޙްމަދުބެ) ނިޔާވުމާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، މަރުޙޫމް އަޙްމަދު އާދަމަކީ މައްޗަންގޮޅި އަވަށުގެ ތަރައްޤީއަށާއި، އެ އަވަށުގެ އެކި ހަރަކާތްތަކުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މުރާލިކަމާއެކު ޚިދުމަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. ޚާއްޞަގޮތެއްގައި މާލޭގެ ހޮޓާ ވިޔަފާރީގެ ދާއިރާގައި އޭނާ ކުރެއްވި މަސައްކަތްތަކާއި، ކުޅިވަރުގެ ދާއިރާއިން، ވަކިން ޚާއްޞަކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބަށް އޭނާ ކޮށްދެއްވި ޚިދުމަތްތައް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ޕީޓްރަލް އަޙްމަދުބެ އަކީ މައްޗަންގޮޅީގެ އިޖުތިމާޢީ ރޫޙު އާލާކުރުމުގައާއި، ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި ދެގޮތެއްނުވެ މަސައްކަތް ކުރެއްވި ނަމޫނާ ޝަޚުޞިއްޔަތެކެވެ.

ރައީސް ނަޝީދުގެ މެސެޖު ނިންމަވާލައްވަމުން ވަނީ މަރުޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރައްވައި، އެ މަރުޙޫމްގެ ޢާއިލާއަށް އިޚްލާޞްތެރި ތައުޒިޔާ ފޮނުއްވާފައެވެ.

ޕީޓްރަލް އަޙްމަދުބެއަކީ ދިވެހި އުފެއްދުންތަކުގެ މަސައްކަތުގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން 1970ގެ އަހަރުތަކުން ފެށިގެން ލޮނުމަސް އެޅުން ފަދަ މަސައްކަތްތައް އޭނާ ކުރެއްވިއެވެ. މާލެއަށް މަޝްހޫރުވި "ގުރާބުތުނޑި" ހޮޓަލަށްފަހު، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ "ހޮޓެލް ޕީޓްރަލް" އުފައްދަވައި، ކޭޓަރިންގ ދާއިރާގައި، ޚާއްޞަކޮށް ސަރުކާރުގެ ބޮޑެތި އިދާރާތަކަށް ދިގު މުއްދަތެއްގައި ކެއިންބުއިމުގެ ޚިދުމަތް އޭނާ ފޯރުކޮށްދެއްވާފައިވެއެވެ.

ޕީޓްރަލް އަޙްމަދު އާދަމް ނިޔާވުމަކީ މައްޗަންގޮޅި އަވަށަށާއި މުޅި މާލެއަށްވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު