މެދުއިރުމަތީގެ ސަލާމަތީ ހާލަތު އިންތިހާއަށް ގޯސްވަމުންދާތީ، އިސްރާއީލުގައި ތިބި ޗައިނާގެ ރައްޔިތުން އެޤައުމުން ފޭބުމަށް އިސްރާއީލުގައި ހުންނަ ޗައިނާ އެމްބަސީން އިލްތިމާސްކޮށްފިއެވެ.

ޗައިނާ އެމްބަސީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހޮންކޮންގް، މަކާއޯ އަދި ޓައިވާން ހިމެނޭ ގޮތަށް ޗައިނާގެ ހުރިހާ ރައްޔިތުން މިސްރުގެ ތާބާ ބޯޑަރު ހުރަސްކޮށް އެޤައުމުން ނެރުމުގެ އިންތިޒާމްތައް އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ހަމަޖައްސާނެ ކަމަށެވެ. މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ހަމަނުޖެހުންތައް ފުޅާވުމުގެ ބޮޑު ނުރައްކަލެއް އޮތުމާއެކު، އެމްބަސީން ވަނީ ޚާއްޞަ ސެކިއުރިޓީ އެލާޓެއް ވެސް ނެރެފައެވެ.

މި އެލާޓުގައި ބުނެފައިވަނީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މަދަނީ އިންފްރާސްޓްރަކްޗާތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އެގޮތުން ސްކޫލްތަކާއި، އިންޖީނުގެތަކާއި، އިންޑަސްޓްރިއަލް ޕާކްތަކަކީ ހަމަލާތަކުގެ އަމާޒަކަށް ވުމުގެ ފުރުސަތު އޮތް ތަންތަން ކަމަށް އެމްބަސީން ފާހަގަކުރެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހައިފާ ބަނދަރާއި، ރެހޮވޮޓް ރޭލްވޭ ސްޓޭޝަނާއި، ޔާކޮން ބްރިޖާއި، ޖިޒްރީލް ވެލީ ޓަނަލްގެ އިތުރުން ޓެލް އަވީވް، ގުދުސް އަދި ހައިފާ ގުޅުވައިދޭ މުހިއްމު ހައިވޭތަކަށް ހަމަލާ އަމާޒުވުމުގެ ބިރު އެބައޮތެވެ.

އެމްބަސީން އިތުރަށް ލަފާދީފައިވަނީ އެއާޕޯޓްތަކާއި، ބަނދަރުތަކާއި، ރިފައިނަރީތަކާއި، މަތީ ތައުލީމުދޭ މުއައްސަސާތަކުގެ އިތުރުން މީހުން ގިނައިން އެއްވެއުޅޭ ނާޒުކު ސަރަހައްދުތަކާ ދުރުހެލިވުމަށެވެ. އަދި އިސްރާއީލުގެ ހޯމް ފްރަންޓް ކޮމާންޑުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ކޮންމެހެން ބޭނުންވެގެން ނޫނީ ބޭރަށް ނުނިކުތުމަށް ވެސް ވަނީ އެދިފައެވެ. ސައިރެންގެ އަޑު އިވުމާއެކު ވަގުތުން ރައްކާތެރި ހިޔާވަހިކަން ހޯދުމަށާއި، ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ލޯކަލް ފުލުހުންނާއި އެމްބަސީއާ ގުޅުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

އިސްރާއީލުގައި ތިބި ޗައިނާގެ ރައްޔިތުން، ޚާއްޞަކޮށް ނުރައްކާ ބޮޑު ސަރަހައްދުތަކުގައި ތިބި މީހުން، އޭޕްރީލް 7 ގައި އެޤައުމުން ފުރުމަށްޓަކައި އެމްބަސީން ފޯރުކޮށްދޭ ކިއުއާރު ކޯޑް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ވެސް ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު