މޭޔަރު އާތިފް
މޭޔަރު އާތިފް
މިރޭ ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން، ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްޔިތުންގެ ނިންމުން ވަރަށް ސާފުކޮށް އިއްވައިދީފައެވެ.

އާތިފް ވިދާޅުވީ މިއީ އެމްޑީޕީއަށާއި ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، ރައީސް މުއިއްޒު ހީފުޅުކުރެއްވި ގޮތާ ޚިލާފަށް ދިވެހި ރައްޔިތުން ބަލިނުކުރެވޭނެކަން މިއަދު ސާބިތުވެއްޖެ ކަމަށެވެ.

މޭޔަރުގެ ވާހަކަފުޅުގައި ވަކިން ޚާއްސަކޮށް ކުޅުދުއްފުށީގެ ރައްޔިތުންގެ ޝުއޫރުތައް ފާޅުކުރައްވަމުން ވިދާޅުވީ، އެ ސިޓީގެ ރައްޔިތުންނަކީ ފައިސާއާއި، ބާރާއި، ނުފޫޒަށް ކުޑަކަކޫ ޖަހާނެ ބައެއް ނޫން ކަމަށެވެ. އަދި ސަރުކާރުން އެމްޑީޕީގެ ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތްތަކަށް ފުރުސަތު ނުދޭނެ ކަމަށާއި، ރަށްރަށަށް އިހުމާލުވެ، ތަރައްީގެ މަޝްރޫއުތައް ހުއްޓުވާފައި އޮތުމަށްފަހު ވޯޓު ހޯދަން އައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އާތިފް ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީއާ ޚިލާފަށް އަމަލުކުރުމާއި، ބަޖެޓު ފުނޑާލުމުގެ ސަބަބުން ރައްޔިތުން ތިބީ ނުރުހުމުގައެވެ.

އޭނާ ވިދާޅުވީ ދާދިފަހުން ބޭއްވުނު އިންތިޚާބުތަކުން ފެނިގެންދިޔައީ ރައްޔިތުންގެ 71 އިންސައްތަ މި ސަރުކާރަށް ނޫނެކޭ ބުނި މަންޒަރު ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ބެލުމަށްޓަކައި އަވަސް މިޑް-ޓާމް އިންތިޚާބަކަށް ގޮވާލައްވައި، 2028 އަށް މަޑުކުރެވެން ނެތް ކަމަށްވެސް އޭނާ ބާރުއަޅުއްވައި ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު