އާރުޑީސީގެ ކުރީގެ އެމްޑީ މޫކޭ
އާރުޑީސީގެ ކުރީގެ އެމްޑީ މޫކޭ
އެމްޑީޕީގެ އާންމު މެމްބަރުންގެ މާޔޫސްކޮށް، ޕާޓީގެ ރޫޙު މަރާލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެވޭނެ ކަމަށް ވިދާޅުވެ، ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ ވަގުތުން އިސްތިއުފާ ދިނުމަށް އާރުޑީސީގެ ކުރީގެ އެމްޑީ މޫކޭ ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައިވަނިކޮށް މޫކޭ މިރޭ މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެމްޑީޕީ އަކީ ވަކި މީހެއްގެ އެކަނި އެއްޗެއް ނޫން ކަމަށެވެ. އަދި ޣަފޫރު މިރޭ ނިންމި ނިންމުންތަކާއެކު ގެއްލުވާލާފައިވަނީ ޕާޓީގެ އެންމެ މަތީ މަސްލަހަތު ކަމަށް މޫކޭ ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު މޫކޭ ވަނީ، އެއްވެސް މެމްބަރަކު ބާކީ ނުކޮށް ކުރިއަށް ދެވެން އޮތް ފުރުސަތުތައް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ ވަގުތުން އިސްތިއުފާ ދިނުމަށް ވެސް އޭނާ ގޮވާލައްވާފައިވެއެވެ.

"އެކަކުވެސް ބާކީ ނުކޮށް ކުރިއަށް ދެވެން އޮއްވާ، ޣަފޫރަކަސް ކާސިމަކަސް ޕާޓީގެ އާންމު މެމްބަރުން މާޔޫސްކޮށް، ޕާޓީގެ ރޫޙު މަރާލުމަކީ ވަގުތުން ޗެއަރ ޣަފޫރު އިސްތިއުފާ ދޭންޖެހޭ ކަމެއް." މޫކޭގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ އެމްޑީޕީގެ އެތެރޭގެ ނިންމުންތަކާ މެދު އާންމު މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ހަމައެއާއެކު މޫކޭ ވިދާޅުވީ ޕާޓީގެ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ވަކި ބައެއްގެ ނުފޫޒަށް ދޫ ދިނުމަކީ ޕާޓީގެ މުސްތަޤުބަލަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޕާޓީގެ ލީޑަޝިޕުން ނުވަތަ ޗެއަރޕާސަން ޣަފޫރުގެ ފަރާތުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް، ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަ ދައްކަން ދިން ފުރުސަތު ފަހުވަގުތު ކެންސަލް ކުރުމުން އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަނީ ހޫނުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު