އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި، އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) މަގާމުން ވަކިކޮށްފިއެވެ.

ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ، އިބްރާހިމް ވަހީދަށް ފޮނުއްވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، މި ފިޔަވަޅު އެޅީ ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވުމަށްޓަކައި އިދާރީ އަދި މާލީ ނައިބުން އައްޔަނުކުރަނީ ގައުމީ މަޖިލީހުގެ ރުހުމާއެކު ޗެއާޕާސަނެވެ.

ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ، އަސާސީ ގަވާއިދުގެ ދަށުން ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ނައިބަކު ވަކިކޮށް، އެހެން ފަރާތެއް އައްޔަނުކުރުމުގެ ބާރު ލިބިދޭ ކަމަށެވެ. އަދި ނައިބަކު މަގާމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން ހޯދަންޖެހޭނެ ކަމަށް އެ މާއްދާގައި ބުނެފައި ނުވާތީ، އިބްރާހިމް ވަހީދު މަގާމުން ވަކިކުރީ ކަމަށް ސިޓީގައިވެއެވެ.

ޣަފޫރުގެ މި ނިންމުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިބުރޭ ވިދާޅުވީ، އޭނާ މަގާމުން ވަކިކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. "ގަޕޯ ރަނގަޅަށްވެސް މޮޔަވެއްޖެ" އެ ޕޯސްޓުގައި ވެއެވެ.

މި ކުއްލި ބަދަލު އައިސްފައިވަނީ އެމްޑީޕީގެ އެތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ޚާއްޞަކޮށް، ނިމިދިޔަ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދޭން ނިންމި މައްސަލައިގައި ޕާޓީގެ ތެރޭގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

އިންތިޚާބުގެ ކެމްޕެއިނަށް ރާއްޖެ ވަޑައިގެން އުޅުއްވާ ރައީސް ނަޝީދު ވަނީ، އެމަނިކުފާނަށް ފުރުސަތު ނުދިނުމުން އެކަމާ ހިތްދަތިވާކަން ހާމަކުރައްވައި 'އެކްސް' ގައި ޕޯސްޓެއް ވެސް ކުރައްވާފައެވެ. ޕާޓީގެ އިސް މަގާމުތަކުން ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ވަކިކުރަން މި ފެށީ، ޕާޓީ ތެރޭގައި އުފެދިފައިވާ މި ހަމަނުޖެހުންތައް އާންމުންނަށް ތިލަވެފައިވާ ދަނޑިވަޅެއްގައެވެ.

އިބުރޭގެ އިތުރުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަޙްމަދު މަޢުރޫފްވެސް ވަނީ މިއަދު އެ މަގާމުން ވަކިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު