ސޮއިކުރުމުގެ ރަސްމިއްޔާތު
ސޮއިކުރުމުގެ ރަސްމިއްޔާތު
ކުޅިވަރުގައި އެންމެން ޝާމިލުވާ މާހައުލެއް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް) ގެ ކޯޕަރޭޓް ޕާޓްނަރއެއްގެ ގޮތުގައި ރަސްމީ ޕާޓްނަރޝިޕެއް ގާއިމްކޮށްފިއެވެ.

މި ޕާޓްނަރޝިޕް އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުހައްމަދު ޝަރީފް އެވެ. ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޗެއާޕަރސަން އިބްރާހިމް ރަމީޒެވެ.

މި ޕާޓްނަރޝިޕްގެ ދަށުން، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވާ 500 އަށްވުރެ ގިނަ އެތުލީޓުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތަކާއި، ސިއްހީ ހަރަކާތްތަކާއި، އާއިލީ ގުޅުން ބަދަހިކުރުމުގެ ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ހާމަކުރެ އެވެ. އަދި ލީޑަރޝިޕް ޕްރޮގްރާމްތައް ހިންގުމަށާއި، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް މި ޕާޓްނަރޝިޕްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަމެވެ. މީގެ އިތުރުން، މުޖުތަމައުއަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކަށް ވެސް ބީއެމްއެލް އިން ވެދޭ އެހީތެރިކަން ދެމެހެއްޓިގެންދާނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.

ބީއެމްއެލް އިން ބުނީ، މި ޕާޓްނަރޝިޕަކީ މުޖުތަމައުގެ ހުރިހާ ފަރުދުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށާއި، ކަންކަމުގައި ބައިވެރިވުމުގެ ދޮރުތައް ހުޅުވައިދިނުމަށް ބޭންކުން ކުރަމުންދާ ދިގު މަސައްކަތުގެ ދަށުން ނިންމި ނިންމުއް ކަމަށެވެ.

ދުނިޔޭގެ ސްޕެޝަލް އޮލިމްޕިކްސް ހަރަކާތުގެ ރާއްޖޭގެ ގޮފި ކަމަށްވާ ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ މައިގަނޑު މަގުސަދަކީ، އިންޓެލެކްޗުއަލް ޑިސްއެބިލިޓީ ހުންނަ ކުދިންނާއި ޒުވާނުން ކުޅިވަރުގެ ތެރެއިން ބާރުވެރިކުރުވުމެވެ. އަހަރު ދުވަހުގެ ތެރޭގައި ހިންގޭ ކުޅިވަރު ތަމްރީނުތަކާއި މުބާރާތްތަކުގެ ޒަރީއާއިން، އެތުލީޓުންގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރުގަދަ ކުރުމާއި، ޖިސްމާނީ ދުޅަހެޔޮކަން ކުރިއެރުވުމާއި، ދިރިއުޅުމުގެ މުހިންމު ހުނަރުތައް ތަރައްގީކޮށްދިނުމަކީ އެ ޖަމިއްޔާ ހިންގުމުގެ އެންމެ ކުރީ ސަފުގައި ހިމެނޭ ކަންކަމެވެ. ހަމައެއާއެކު، މުޖުތަމައުގައި އެފަދަ ފަރާތްތައް ބަލައިގަތުމާއި، އިހުތިރާމް ހޯދައިދިނުމާއި، ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަކީ ވެސް ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް ގެ މުހިންމު އަމާޒުތަކެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ގައުމީ ފެންވަރުގައި ހިންގޭ އެކި ހަރަކާތްތަކާއި ޕާޓްނަރޝިޕްތަކުގެ ޒަރީއާއިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް ނުހަނު ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ބޭންކެކެވެ. ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އާއެކު ގާއިމްކުރި މި ޕާޓްނަރޝިޕަކީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ކުޅިވަރުގެ ދާއިރާ ފަހިކޮށްދިނުމަށް ކުރެވޭ ގިނަ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު