އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ އެކިއެކި ދެބަސްވުންތަކުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެކަމުގެ ނޭދެވޭ އަސަރު ފޯރައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ނިޔާޒު މިހެން ވިދާޅުވީ، އެމްޑީޕީގެ އެތެރޭގަައި ހުރި ޚިޔާލު ތަފާތުވުންތަކާއި ގުޅިގެން މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ، ޕާޓީގެ ލީޑަރުންގެ މެދުގައި ބައިބައިވުން އުފެދުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. ޕާޓީގެ އެތެރޭގައި ހިންގަންޖެހޭ ސިޔާސީ ހަރަކާތްތަކާއި ބަހުސްތައް ކުރިއަށް ގެންދަންވާނީ، ރިޔާސީ އިންތިޚާބާ ކުރިމަތިލާއިރު އެންމެން އެކައްޗެއްގެ ގޮތުގައި ރައްޔިތުންގެ ކުރިމައްޗަށް ދެވޭނެ ފަދަ މަގަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެތެރޭގެ އިންތިޚާބުތަކުގައި ނުވަތަ އެތެރޭގައި މި ހިންގާ ސިޔާސީ އެކިއެކި ދެބަސްވުންތަކުގެ ސަބަބުން އެއްވެސް ހާލެއްގައި ރިޔާސީ އިންތިޚާބަށް އޭގެ ހިޔަނި އެޅިގެން ނުވާނެ. އެއީ ހަދާނެ ވަރަށް ބޮޑު މިސްޓޭކެއް،" ލާމަރުކަޒީގެ ކޮމެޓީގެ ކުރީގެ މުޤައްރިރު ކަން ވެސް ކުރެއްވި ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު އިތުރަށް ވިދާޅުވީ، ޕާޓީ ބައިބައިވެގެން ދިޔުމަކީ އެމްޑީޕީގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުން ވެސް އެދޭނެ ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން، ޕާޓީގެ ލީޑަރުން މިކަމަށް ވަރަށް ބޮޑަށް ވިސްނަވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ތިބި ލީޑަރުންނަކީ ރައީސްކަން ވެސް ކޮށްފައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކޮށްފައި ތިބި ބޭފުޅުން. އެހެންވީމާ އެބޭފުޅުންނަށް އެނގެންވާނެ ހަގީގަތުގައި ރައްޔިތުންގެ އުއްމީދުތައް ހުންނާނެ ގޮތާއި، މިފަދަ ކަންކަން ހައްލުކުރާނެ ގޮތް،" ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލުކޮށް، ގައުމީ މަސްލަހަތާއި ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް އެމްޑީޕީން ކުރިއަށް ދިޔުމުގެ މުހިންމުކަމަށެވެ.

އެމްޑީޕީގެ ތެރޭގައި މައްސަލަތަށް ހޫނުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދިނުމާ ގުޅިގެންނެވެ. މިކަމާ ހިތްހަމަނުޖެހިގެން ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެ ޖަލްސާ ބޮއިކަޓްކޮށްފައެވެ.

މި މައްސަލަ ގަނޑުގެ ތެރެއިން ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް އެޑްވައިޒަރު އަހުމަދު މައުރޫފް (މާއްޓޭ) މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ.

އެއާއެކު ރައީސް ނަޝީދުގެ ފެކްޝަނަށް ތާއިދުކުރާ ބަޔަކު އިސްވެ ތިބެ އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އަބްދުުލްޣަފޫރު މޫސާ އެ މަޤާމުން ވަކިކުރުމަށްޓަކައި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ 55 މެންބަރަކު ސޮއިކޮށް އޭނާގެ އިތުބާރު ނެތް ކަމަށް މައްސަލަ އެއް މިހާރު ވަނީ ހުށައަޅާފައެވެެ. ގައުމީ މަޖިލީހުގައި ޖުމްލަ 123 މެންބަރުން ތިއްބަވާއިރު، މި މައްސަލައާމެދު ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުން އަންނަ ހޯމަ ދުވަހު ބޭއްވުމަށް އެ ޕާޓީން މިހާރު ވަނީ ތާވަލުކޮށްފައެވެ.

އިދިކޮޅު އެމްޑީޕީން ވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގަައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން މާލެ އާއި ހުރިހާ ސިޓީތަކުގެ މޭޔަރުކަމާއި އެކު ސިޓީ ކައުންސިލާއި ގިނަ ރަށު ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ނެގީ އެމްޑީޕީންނެެވެ.



ކިޔުންތެރިންގެ ހިޔާލު