ބާރަށު މެންބަރު ސުޖާއު
ބާރަށު މެންބަރު ސުޖާއު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުގެ ބާރު، ރައްޔިތުންގެ ލަފައަކަށް ނުގޮސްވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންވާ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް ޝުޖާއު ވިދާޅުވީ، ރައީސް މުއިއްޒު ބޭނުންފުޅުވި ނަމަ ވެރިކަމުގެ ބާރުގެ ތެރެއިން އެކަން ކުރެއްވޭނެ ކަމަށާއި، މިހާރު ފެންނަ ނުފެންނަ ވޯޓަކަށް ދިޔައީ ރައީސްގެ ދީލަތިކަމުން ކަމަށެވެ.

"އެމަނިކުފާނަށް ( ރައީސް މުއިއްޒު އަށް) ލިބިވަޑައިގެންފައިވާ ރައްޔިތުން ދެއްވާފައި އޮތް ބާރުގެ ތެރެއިން، ބޭނުންފުޅިއްޔާ ދެ އިންތިހާބު އެއްކޮށް ބާއްވަވަންވީ ނޫންތޯ. މިއީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއްކަން އަޅުގަނޑުމެން ގަބޫލުކުރަން،" ޝުޖާއު ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްކުރެއްވުމަކީ މިހާރުވެސް ރައީސަށް ކުރެއްވޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދަޅުވެ ޝުޖާއު ވިދާޅުވީ ރައީސާއި ދެކޮޅަށް ވޯޓްދެއްވި ރައްޔިތުން ފަހުން ހިތާމަކުރާނެ ކަމަށެވެ.

ނަމަވެސް، ޝުޖާއުގެ މި ދައުވާއަކީ ގާނޫނުއަސާސީއާ ހިލާފު ވާހަކައެއް ކަމަށް ގާނޫނީ މާހިރުން ފާހަގަކުރެއެވެ. ގާނޫނުއަސާސީގެ 261 ވަނަ މާއްދާގެ (ށ) ގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުން، މަޖިލީހުގެ ދައުރަށް ބަދަލު އަންނަ ފަދަ ކަންކަމުގައި ރައްޔިތުންގެ ސީދާ ވޯޓެއް ނަގަން ލާޒިމްކުރެއެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާއަށް އެކަނި އެފަދަ ނިންމުމެއް ނިންމުމުގެ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތްކަން އެ މާއްދާއިން ކަށަވަރުވެއެވެ.

މި އިސްލާހާ މެދު ރައްޔިތުންގެ މެދުގައި ނެގުނު ވޯޓުގެ ނަތީޖާ އައީ ސަރުކާރުން ބާރުއެޅި ގޮތާ ދެކޮޅަށެވެ. ރައީސް މުއިއްޒު އަމިއްލަފުޅަށް މި ކެމްޕޭނުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް، ވޯޓުލީ މީހުންގެ ބޮޑު އަޣުލަބިއްޔަތެއް ކަމަށްވާ 68.74 އިންސައްތަ (148,723 ވޯޓު) އައީ އިސްލާހާ ދެކޮޅަށެވެ. ސަރުކާރުގެ ހުށަހެޅުމަށް ތާއީދުކުރީ ވޯޓުލީ މީހުންގެ އެންމެ 31.26 އިންސައްތަ ރައްޔިތުންނެވެ.



ކިޔުންތެރިންގެ ހިޔާލު