ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް
އެމް.ޑީ.ޕީ އަކީ ރާއްޖޭގައި އިންތިޒާމްވެގެން ހިންގާ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ ކަމަށާއި، ޕާޓީގެ އާންމު މެންބަރުންގެ ކަންބޮޑުވުންތަކާއި ނުތަނަވަސްކަމަށް އަބަދުވެސް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ދެއްވައިފިއެވެ.

އެމްޑީީޕީގެ ކުރިމަގާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޢަލީ ނިޔާޒް ވިދާޅުވީ، އެމް.ޑީ.ޕީގެ އެންމެ ބޮޑު ރައުސުލްމާލަކީ އެ ޕާޓީގެ އާންމު މެންބަރުން ކަމަށެވެ. އަދި ޕާޓީގެ އެތެރޭގައި ހުރި މައްސަލަތައް ހައްލުވެ، އެމް.ޑީ.ޕީ އަބަދުވެސް ދާނީ ކުރިއަށް ކަމަށް ގަބޫލުކުރަށްވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

"ޕާޓީގެ މެންބަރުން އެދޭ ގޮތަށް ލީޑަރުން މަސައްކަތް ކުރަންވާނެ. އަޅުގަނޑުމެން ގަބޫލުކުރަނީ އެމްޑީޕީގެ އެތެރޭގައި ހުރި ކަންކަން ހައްލުވާނެ ކަމަށް." ޢަލީ ނިޔާޒް ވިދާޅުވިއެވެ.



ސަރުކާރަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަންތައްތަކަށް އަލިއަޅުވާ ލައްވަމުން އަލީ ނިޔާޒް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާއި، އަތޮޅު ކައުންސިލުތައް އުވާލާފައިވާ އުވާލުން ނިމުމަކަށް ގެނެސް، ގާނޫނު އަސާސީއަށް ގެނައި ބަދަލު އަލުން އިއާދަކުރުމަށް ސަރުކާރުގައި އެދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ޑިމާންޑްތައް ރަސްމީކޮށް ސަރުކާރަށް ހުށަހަޅާނެ ކަމަށްވެސް ޢަލީ ނިޔާޒް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު، ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ، ބައިބައިވެގެން ތިބެ 2028 ވަނަ އަހަރާ ހަމައަށް ދިއުމަކީ އެމް.ޑީ.ޕީއަށް "އެފޯޑް" ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ ރައްޔިތުން އެދޭ ގޮތް ނޫން ކަމަށާއި، ޕާޓީގެ ލީޑަރުން މިކަމަށް ފުންކޮށް ވިސްނަވާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޢަލީ ނިޔާޒް މިހެން ވިދާޅުވެފައިވާއިރު، އެމް.ޑީ.ޕީން މީގެކުރިން ބުނެފައިވަނީ، ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ މެންޑޭޓް މިހާރުގެ ސަރުކާރަށް ނެތް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ސުޕަރ މެޖޯރިޓީ އޮތް ނަމަވެސް، ރައްޔިތުންގެ ތެރޭގައި އެ މެޖޯރިޓީ ނެތް ކަން ނިމިދިޔަ އިންތިޚާބުން ފެނިގެން ގޮސްފައިވާ ކަމަށް އެމް.ޑީ.ޕީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު