ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)
ދައުލަތުގެ މާލިއްޔަތުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން ސަރުކާރުން ކެމްޕޭން ކުރި ނަމަވެސް، މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަން އިންތިޚާބުގެ ނަތީޖާއިން ސާފުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ، އިންތިޚާބު ނިމުމާއެކު ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ކުއްލި ގޮތަކަށް އަޅަން ފެށީ، ސަރުކާރަށް އޮތް ތާއީދު އިންތިހާއަށް ކުޑަކަން ހާމަވުމުން ކަމަށެވެ.

އަދި ދައުލަތުގެ ކުންފުނިތައް ސިޔާސީ ބޭނުންތަކަށް ހިސޯރުކޮށްގެންނާއި، ފައިސާ ބަހައިގެން ރައްޔިތުންގެ ވޯޓު ގަނެވޭނެ ކަމަށް ސަރުކާރުން ހީކުރި ނަމަވެސް، ދިވެހި ރައްޔިތުން އެކަމަށް ފުރަގަސްދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ވޯޓެއް ނުގަނެވޭނެ. ފައިސާ ބެހިޔަސް ރައްޔިތުން ވޯޓެއް ނުދޭ. ކުންފުނިތައް ހިސޯރުކޮށްގެން އުޅުނަސް މޮޅެއް ނުވޭ. ރައްޔިތުން އެ ބުނީ ވަރަށް ސަރީހަކޮށް ނޫނެކޭ،" ބޮންޑާ ވިދާޅުވިއެވެ.

ބޮންޑާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ގިނަ ކުންފުނިތައް މިއަދު އޮތީ ބަނގުރޫޓުވުމުގެ މަގުމަތީގައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ އިތުބާރު މިހާރު ނެތް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މުޅި ސަރުކާރަށް ރައްޔިތުން "ނޫނެކޭ" ބުނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާގެ ވާހަކައިގައި ސަރުކާރުގެ އިޚުލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވެ، މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ ހަމައެކަނި "ލޮލުގައި އަނދުން އެޅުވުން" ކަމަށް ސިފަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު