ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ކޮރޮވަލު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާއަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވާދަކުރެއްވުމަށް ނިންމެވި ނިންމެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެ، ފުރިހަމަ ތާއީދު އިއުލާނު ކުރައްވައިފިއެވެ.

މި ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލުނުކަން ކޯޓުން ކަނޑައެޅުމާ އެކު، ސޯބެ ވަނީ އެ ގޮނޑިއަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިތަދޫ ކޮރޮވަލު ދާއިރާގެ ގޮނޑިއަށް ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު ކުރިމަތިލައްވަން ނިންމެވި ނިންމެވުމަކީ ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ. އަދި އެކަމަށްޓަކައި ސޯބެއަށް މަރުހަބާ ވިދާޅުވެ، ރައީސް ނަޝީދު ވަނީ އޭނާއަށް ތާއީދު އޮތްކަން ހާމަކުރައްވާފައެވެ.

ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވަނީ، އޭނާ އާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ ނުދެއްކި މައްސަލައެއްގައެވެ. މި ފައިސާ ދެއްކުމަށް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކޯޓުން ކުރި ހުކުމާ އެއްގޮތަށް އޭނާ އަމަލުކޮށްފައި ނުވާތީ، މިއަދު ސުޕްރީމް ކޯޓުން ވަނީ އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ކަނޑައަޅާފައެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި މި ހުކުމުގައި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާކަން ސާބިތުވާތީ، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު