ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ އުޞޫލުގެ މަތިން، އެ ބައްދަލުވުންތައް މެދުނުކެނޑި ގަވާއިދުން ކުރިޔަށްދާނެކަމުގެ ޔަގީންކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ދެއްވައިފިއެވެ.

ހީނާ ވަލީދު މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން 2026 މާރިޗް 1 އިން ފެށިގެން، ކަނޑައަޅުއްވާފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ. މި ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށެވެ.

ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ މި އުޞޫލަކީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަރަށް ތަފްސީލީ ގޮތެއްގައި އިޢުލާނު ކުރަSqވާފައިވާ ކަމެކެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މީޑިއާއާ އެމަނިކުފާނު ބާއްވަމުން އަންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ސަރުކާރުގެ މަޢުލޫމާތުތައް ސީދާ އެމަނިކުފާނުގެ ފަރާތްޕުޅުން ނޫސްވެރިންނަށް ފޯރުކޮށްދެއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމުގައި، ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ރަށުން ބޭރުގައި ހުންނެވުން ނުވަތަ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކާ ދިމާވުން ފަދަ މަޖުބޫރު ހާލަތެއް މެދުވެރި ނުވާހާ ހިނދަކު، އެއްވެސް މެދުކެނޑުމެއް ނެތި މި ސިލްސިލާ ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.



އޭގެއިތުރުން އިސް ތަރުޖަމާނު ހީނާ ވިދާޅުވީ، ކުރިއަށް އޮތް ހަފުތާތަކުގައިވެސް ކަނޑައެޅިފައިވާ މި އުޞޫލާ އެއްގޮތަށް ބައްދަލުވުންތައް ތާވަލުކުރެވެމުންދާނެ ކަމަށެވެ.

މިއީ މި ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން، ރައްޔިތުންނަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ދެފުށް ފެންނަ ގޮތެއްގައި ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު