ރުހުންދިން ދެ ސަފީރުން
ރުހުންދިން ދެ ސަފީރުން
އާޖެންޓީނާ އަދި ބޮސްނިއާއަށް ރާއްޖޭގެ ފަރާތުން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި ދެ މަގާމަށް ބޭފުޅުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަންފުޅުތައް ފޮނުއްވާފައިވަނީ މިއަހަރުގެ މާޗް މަހުގެ އަށްވަނަ ދުވަހުއެވެ.

އާޖެންޓީނާގެ ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ 55 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

ޑރ. އަލީ ނަސީރަކީ ޑިޕްލޮމެޓިކް ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ، 1985 އިން ފެށިގެން ޚާރިޖީ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ އެމެރިކާ އާއި ކެނެޑާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި ފޮރިން މިނިސްޓްރީގެ މަލްޓިލެޓަރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާފައެވެ.

ބޮސްނިއާ އެންޑް ހެރްޒްގޮވީނާގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ރުހުން ދީފައިވަނީ މިހާރު ޖަރުމަނުވިލާތަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު އައިޝަތު ޝާން ޝާކިރަށެވެ. ޝާން އެ މަގާމަށް އައްޔަންކުރުމަށް 54 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. ޝާން ޝާކިރަކީ މީގެ ކުރިން ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމާއި، ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުކަމުގެ އިތުރުން ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

މި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމާ ގުޅިގެން، ކުރިއަށް އޮތް ތަނުގައި ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު