ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް-
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް-
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި، ގާނޫނުއަސާސީގެ މައިގަނޑު އޮނިގަނޑަށާއި، ރައްޔިތުންގެ މަޖިލީހުގެ އިތުރުން އިގުތިސާދީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އަމާޒުކޮށް "ބޮޑު ބަދަލު" ގެ ނަމުގައި ހާއްސަ ހުށަހެޅުންތަކެއް މިއަދު އާންމުކޮށްފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އިސްވެ ހުށަހެޅުއްވި މި އިސްލާހުތަކުގެ ތަފްސީލު ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ހުށަހެޅުންތަކުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ބާރުތައް ވަކިވެފައިވާ މިންވަރު ހަރުދަނާކޮށް، ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުން ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

މި ހުށަހެޅުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ވެރިކަމުގެ ނިޒާމަށް ގެންނަން ހުށަހަޅާފައިވާ ބަދަލެވެ. އެގޮތުން ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާ އަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާއިރު، އެ މަގާމަށް ބޭފުޅަކު އައްޔަނުކުރާނީ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އަޣުލަބިއްޔަތު ވޯޓުންނެވެ. ނަމަވެސް، ސަރުކާރު ހިންގާ އެންމެ މަތީ ވެރިޔާ ހޮވާނީ މިހާރުވެސް އޮންނަ އުސޫލުން ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. މީގެ އިތުރުން، ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި، މިނިވަން މުއައްސަސާތައް ޒިންމާދާރުކުރުވުމަށް "އޯވާސައިޓް ކޮމިޝަނެއް" އުފެއްދުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެ ކޮމިޝަނުގެ މެންބަރުން މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން ކަމަށް ހެދުން ހިމެނެއެވެ. އަދި ކައުންސިލަރުންނާއި މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް ނޫނީ ގާނޫނުއަސާސީއަށް ބައެއް ކަހަލަ ބަދަލުތައް ނުގެނެވޭ ގޮތަށް ހެދުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އޮނިގަނޑަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި، މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު ގާނޫނުއަސާސީގައި ކަނޑައެޅުމާއި، ގައުމީ މަސްލަހަތަށް ވަކާލާތު ކުރާނެ ގައުމީ މެންބަރުންނަށް ފުރުސަތު ދިނުން ހިމެނެއެވެ. މީގެ އިތުރުން، އަންހެނުންނަށް މަޖިލީހުގެ ގޮނޑިތައް ހޯދުމަށް އިތުރު މަގުތައް ފަހިކޮށްދިނުމާއި، މެންބަރުންގެ މަސައްކަތާމެދު ރައްޔިތުން ހިތްހަމަނުޖެހޭނަމަ އެ މެންބަރަކު ވަކިކުރުމުގެ "ރިކޯލް ވޯޓު" ނެގޭނެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

އިގުތިސާދީ ދާއިރާއިން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި، ސަރުކާރުގެ ފައިދާވާ ކުންފުނިތައް ސޮވްރިން ވެލްތު ފަންޑެއްގެ ދަށަށް ބަދަލުކުރުމާއި، ދައުލަތުގެ ޕްރޮކިއުމަންޓަށް ހާއްސަ މިނިވަން އިދާރާއެއް ގާއިމުކުރުން ހިމެނެއެވެ. އަދި ގުދުރަތީ ވަސީލަތްތައް ފަނާކޮށް ދައުލަތުން ކުރަމުންދާ ބޮޑު އިސްރާފު ހުއްޓުވުމާއި، ބަޖެޓުގެ ބޮޑު ބައެއް އުފެއްދުންތެރި ދިވެހި ވިޔަފާރިވެރިން ބިނާކުރުމަށް ހާއްސަކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ދައުލަތުގެ ދަރަންޏާއި ޑެފިސިޓްގެ ނިސްބަތް ގާނޫނީ ގޮތުން ކަނޑައެޅުމާއި، ވިޔަފާރިވެރިންނާއެކު ހަދާ އެއްބަސްވުންތަކަށް ދައުލަތުން އަމަލުކުރާކަން ކަށަވަރުކުރުން ވެސް ހިމެނެއެވެ.

2008 ވަނަ އަހަރުގެ ގާނޫނުއަސާސީން ގިނަ ކުރިއެރުންތަކެއް ލިބުނު ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އިންތިހާއަށް ގިނަވެ، ގައުމު ދަރަނީގެ ދަންތުރައަކަށް ވެއްޓި، ރައްޔިތުންގެ އަސާސީ ހައްގުތައް ހަނިވަމުންދާތީ، މިފަދަ ބޮޑު ބަދަލެއް ގެނައުން މިއަދު މުހިންމުވެފައިވާ ކަމަށް ނަޝީދާއި ފައްޔާޒް ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު