ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ކުރީގެ ރައީސް މުހައްމަދު ނަޝީދު-
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމަވައި، އެމަނިކުފާނަށް ތާއީދުކޮށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާންމު މެންބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، "އަޅުގަނޑު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލާން ނިންމައިފިން، އަޅުގަނޑަށް ތާއީދުކޮށްދެއްވައި ވޯޓު ދެއްވުން ނުހަނު އެދެން،" މިފަދައިންނެވެ.

ރައީސް ނަޝީދު މި މަގާމަށް ކުރިމަތިލައްވަން އުޅުއްވާކަން އެންމެ ފުރަތަމަ އިއުލާން ކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއެކު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި، ޒުވާން ބޭފުޅަކު މި މަގާމަށް ކުރިމަތިލައްވާފައި ވަނިކޮށް އެމަނިކުފާނު ނުކުންނަވަން ނިންމެވި ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ ޕާޓީގެ ކަންކަން ރަނގަޅަށް ކުރެވޭނީ އެމަނިކުފާނު ކުރިމައްޗަށް ނުކުމެވަޑައިގެން ކަމަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށެވެ.

"އަޅުގަނޑު ކުރިމަތިލައިގެން މިހުރީ އަޅުގަނޑު ދެކޭ ގޮތުގައި މިކަން ކުރެވޭނީ އަޅުގަނޑު ކުރިމަށްޗަށް ނުކުމެގެން. އެކަން އަޅުގަނޑުގެ ހިތަށް ގަބޫލުކުރެވިގެން އެފްރިކާގަ ހުރެފަ އައިސް މިހުރީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން 2005 އިން 2008 އަށް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަންކަން ކުރައްވާފައެވެ. އަދި 2014 އިން 2023 އަށް އެމަނިކުފާނު ހުންނެވީ ޕާޓީގެ ރައީސްގެ މަގާމުގައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ރައީސް ނަޝީދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ވެސް ވަނީ ކުރިމަތިލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު