ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ މުހައްމަދު ސައީދު
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ މުހައްމަދު ސައީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގަވާއިދާ ހިލާފަށް ހިންގާ ބްލެކް މާކެޓްގައި ހަރަކާތްތެރިވާ ނުރަސްމީ ޕްރައިވެޓް ޑީލަރުންގެ އަތުން ބޭރު ފައިސާ ހޯދާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާކުކަން ނޭނގޭ ފަރާތަކުން ސޯޝަލް މީޑިއާގައި މިފަދަ ވާހަކަތަކެއް ދައްކާފައިވަނީ ކަނޑައެޅިގެން ދޮގު މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަރުދަނާކޮށް ރެގިއުލޭޓް ކުރެވޭ މާލީ އިދާރާގެ ހައިސިއްޔަތުން، ބީއެމްއެލްގެ ހުރިހާ މުއާމަލާތްތަކެއް ހިންގަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ގައިޑްލައިންތަކާއި ރިޕޯޓިން ފްރޭމްވޯކްތަކާ އެއްގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު ޝާއިއުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާއަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެ ބޭންކުން ވަނީ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ޖުމްލަ 226 މިލިއަން ޔޫ.އެސް ޑޮލަރު ވިއްކާފައި ކަމަށެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި، ޒަރޫރީ މުދަލާއި، އަދި ވިޔަފާރީގެ ބޭނުންތަކަށް އިމްޕޯޓް ކުރުމަށް ހާއްސަކޮށް ދޫކުރި 106.2 މިލިއަން ޑޮލަރު ހިމެނޭ ކަމަށާއި، މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅާބަލާއިރު 142 އިންސައްތައިގެ އިތުރުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އޭޕްރިލް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެކަނިވެސް ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް 25 މިލިއަނަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި މިންވަރަށްވުރެ ދެގުނަ އިތުރު އަދަދެއް ކަމަށް ބޭންކުން މައުލޫމާތުދެއެވެ. ސައީދު ވިދާޅުވީ ގައުމުގެ އިގްތިސާދަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގައި މިފަދަ ބޮޑު އަދި ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދާފައިވުމަކީ ބޭންކުގެ ލިކުއިޑިޓީ މެނޭޖްމަންޓްގެ ހަރުދަނާކަމާއި، ރައްޔިތުންނާއި ވިޔަފާރިވެރިންގެ ބޭނުންތައް ފުއްދައިދިނުމަށް ބޭންކުން ދޭ ސަމާލުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ބޭންކުގެ ޑޮލަރު ރިޒާވް ހުސްވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކާ ދެކޮޅު ވަރުގަދަ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އިގްތިސާދާ ނުހަނު ބޮޑަށް ގުޅިފައިވާ އަދި ރާއްޖެއާއި ބޭރު ގައުމުތަކާ ގުޅުވައިދޭ ޕޭމަންޓް ސިސްޓަމްގެ މައިބަދަ ކަމަށް ވާއިރު، މިއަދު އާންމުކުރި ނަތީޖާތަކުން ފެންނަ ފަދައިން ބޭންކުގެ ބެލެންސް ޝީޓާއި ކެޕިޓަލް އެޑިކުއަސީ ހުރީ ވަރަށް ހަރުދަނާކޮށް ކަމަށް ސައީދު ވިދާޅުވިއެވެ.



ބޭންކުގެ ފަރާތުން ވަނީ ކުރިއަށް އޮތް ތަނުގައިވެސް ދެފުށް ފެންނަ ގޮތެއްގައި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ޚިދުމަތް ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު