ބީއެމްއެލްގެ ސީއީއޯ ޝަރީފް
ބީއެމްއެލްގެ ސީއީއޯ ޝަރީފް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމާ ނިންމުންތަކަކީ އެއްވެސް ސިޔާސީ ނުފޫޒެއް އޮވެގެން ނިންމާ ނިންމުންތަކެއް ނޫން ކަމަށާއި، އެއީ ބޭންކުގެ ކުރިމަގަށްޓަކައި މިނިވަންކަމާއެކު ނިންމާ ވިޔަފާރީގެ ނިންމުންތަކެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބީއެމްއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ބޭންކުގެ އޭޓީއެމް ނެޓްވޯކް ފުޅާކުރުމާއި ގެދޮރުވެރިކަމުގެ ސިނާއަތަށް ބޭންކުން ވަންނަން ނިންމި ނިންމުމަކީ ސިޔާސީ ނިންމުންތަކެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

މި ނިންމުންތަކަކީ ބޭންކުގެ ބޯޑާއި މެނޭޖްމަންޓުން ފުންކޮށް މަޝްވަރާކުރުމަށްފަހު، ބޭންކުގެ ވިޔަފާރީގެ ކުރިއެރުމަށް ނަގާފައިވާ "ބިޒްނަސް ޑިސިޝަންތަކެއް" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެއީ ސިޔާސީ ނިންމުންތަކެއް ނޫން. އެއީ ބޭންކްގެ ކުރިމަގަށްޓަކައި ބޭންކުގެ މެނޭޖްމަންޓުންނާއި ބޯޑުން މަޝްވަރާކޮށް ނަގާފައިވާ ބިޒްނަސް ޑިސިޝަންތަކެއް،" ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމުގެ މަޝްރޫއަކީ ސަރުކާރުގެ ވަރަށް ބޮޑު އިންވެސްޓްމަންޓަކާއެކު ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެކަމުގެ ކްރެޑިޓް ސަރުކާރަށް ނެގިދާނެ ކަމަށް އޭނާ އެއްބަސްވެވަޑައިގަތެވެ. ނަމަވެސް، ބޭންކުގެ ފަރާތުން އެކަން ކުރަން ނިންމީ ސަރުކާރުގެ އިންވެސްޓްމަންޓާއެކު ބޭންކަށް ލިބޭނެ މާލީ ފައިދާއާއި މުސްތަގުބަލަށް ބެލުމަށްފަހު، ވަކި ހަމަތަކެއްގެ މަތިން ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ. މީގެ އިތުރުން، އިގްތިސާދީ ހަރަކާތްތައް ފުޅާވަމުން އަންނަ ބައެއް ރަށްރަށުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތްވެސް އަންނަނީ ގާއިމުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު