ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ އުސޫލުތަކާ ހިލާފަށް، ކާޑުތަކުން ކުރާ މުއާމަލާތްތަކުން 30 އިންސައްތައިގެ ފީއެއް ނަގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1 ޖުލައި 2025 އިން ފެށިގެން ވަކި އީ-ކޮމާސް ސައިޓްތަކަކުން (ޓީމޫ، ޝީއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ފިޔަވައި އެއްވެސް އިތުރު ސައިޓަކުން ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކުރާ މުއާމަލާތްތަކުން 30 އިންސައްތައާ ހަމައަށް ފީއެއް ނުނަގާނެ ކަމަށެވެ.

މީގެ އިތުރުން ސިއްހީ ހިދުމަތާއި، ތައުލީމާއި އަދި ދަތުރުފަތުރުގެ ދާއިރާގެ މާޗަންޓުންނަށް މިފަދަ ފީއެއް ސިއްރިއްޔާތުގައ އިތުރުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވެސް އޭނާ ވަނީ ދޮގުކުރައްވާފައެވެ.

ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި ބޭންކުގެ "ޝެޑިއުލް އޮފް ޗާޖަސް" ގައިވާ ގޮތުން، ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކުރުމުން 30 އިންސައްތައާ ހަމައަށް ބޭންކަށް ފީއެއް ނެގިދާނެއެވެ. މިއީ ދުނިޔޭގެ ބޭންކުތަކުން ވެސް އަމަލުކުރަމުންދާ "ކްރޮސްބޯޑަރ ފީ" ނެގުމުގެ އުސޫލު ކަމަށާއި، މިއީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބޭންކުގެ އިތުބާރު ގެއްލޭ ގޮތަށް ފަތުރާ މިފަދަ ވާހަކަތަކާ ގުޅިގެން ތަރުޖަމާނު އިތުރަށް ވިދާޅުވީ، "މިގޮތަށް ފަތުރާ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކަކީ މި ބޭންކުގެ އިތުބާރު ގެއްލޭ ގޮތަށް، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުންކޮށް، ގައުމުގެ އިގްތިސާދީ ހަމަޖެހުން ނަގާލައި، މާލީ ރައްކާތެރިކަމަށް ސީދާ ނުރައްކަލާ ކުރިމަތިކުރުވަން ފަތުރާ ވާހަކަތަކެއް" ކަމަށެވެ.

ބީއެމްއެލްއިން ވަނީ މިފަދަ ދޮގު މައުލޫމާތުތަކަށް ސަމާލުކަން ނުދިނުމަށާއި، ބޭންކުގެ ރަސްމީ ވަސީލަތްތަކުން ހާމަކުރާ މައުލޫމާތަށް އެކަނި ރިއާޔަތްކުރުމަށް ކަސްޓަމަރުންގެ ކިބައިން އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު